އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް ދިވެހި މީޑިއާ އާއި ގާޒާފަންޑުން އެއްކުރި 29.46 ރުފިޔާ އަށްވާ ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާ ގޮތަށް ހަމަޖައްސައިފި އެވެ.

ދިވެހި މީޑިއާ އިން އިސްނަގައިގެން ބޭއްވި ޓެލެތޯންގެ ސްޓިއަރިން ކޮމެޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓެލެތޯނުން އެއްކުރި 23.16 މިލިއަން ރުފިޔާ އާއި ގާޒާ ފަންޑް މޯލްޑިވްސް އިން އެކުރި 6.3 މިލިއަން ރުފިޔާ އާ އެކު ޖުމްލަ 29.46 މިލިއަން ރުފިޔާ އަށްވާ 1.91 މިލިއަން ޑޮލަރު ވިއްކާ ގޮތަށް ބީއެމްއެލް އިން ހަމަޖައްސާފައިވާ ކަމަށެވެ.

ސްޓިއަރިން ކޮމެޓީން ބުނީ އެ ބޭންކުގެ ޑެޕިޔުޓީ ސީއީއޯ އައިޝަތު ނޫރައްދީން ސޮއިކުރައްވައި އެ ކޮމެޓީގެ ޗެއާމަން އިބްރާހީމް އުމަރު މަނިކަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި 29 މިލިއަން ރުފިޔާ ޑޮލަރަށް ބަދަލުކޮށްދިނުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ.

ޣައްޒާގައި ދިރިއުޅޭ އާއިލާތަކަށް ފައިސާ ފޮނުވަމަށް ލޯކަލް އެއްވެސް ޗާޖެއް ނުނަގާނެ ކަމަށާއި ބޭންކްގެ ރަސްމީ ރޭޓް 15.42 ރުފިޔާގެ ރޭޓުން ޑޮލަރު ވިއްކާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވާ ކަމަށް ވެސް ސްޓިއަރިން ކޮމެޓީގެ ބަޔާނުގައިވެ އެވެ.

ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ބީއެމްއެލް އިން އެ ފައިސާ ޑޮލަރަށް ބަދަލުކުރާ ގޮތަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ހެލްޕް ގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމެޓީން ދަންނަވާފައި ވަނިކޮށެވެ.

ގާޒާގައި ދިރިއުޅޭ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހި ރައްޔިތުން ދިން ފައިސާ އިން ހަރަދު ކުރަންވާނެ ގޮތް ބަޔާންކޮށް، ހެލްޕް ގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމެޓީ އާއި ގާޒާ ފަންޑް މޯލްޑިވްސް އާއި ރެޑްކްރެސެންޓް ސޮސައިޓާ އާ ތިން ފަރާތުން އެއްބަސްވާ އެއްބަސްވުމުގައި މިރޭ ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދިވެހި ރައްޔިތުން ހަދިޔާ ކުރާ ފައިސާގެ ރަމްޒީ ޗެކުގައި ވެސް މިރޭ ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ފައިސާ އިން ހަރަދު ކުރުމަށް ތިން ފަރާތުން އެއްބަސްވާ ގޮތަކީ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސާފު ބޯފެން ފޯރުކޮށް ދިނުމާއި ބޭސް ފަރުވާ އާއި ކާބޯ ތަކެތި ފޯރުކޮށް ދިނުމަށެވެ. އަދި އެ ފައިސާ އިން ގާޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ނޫން ބަޔަކަށް ހަރަދު ނުކުރެވޭނެ ކަމަށާއި އެއީ ދިވެހި ރައްޔިތުން ގާޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ހަދިޔާ ކުރި އެއްޗެއްކަން އެނގޭ ގޮތަށް ދިވެހި ދިދަ ނޫނީ ދިވެހި ދައުލަތުގެ ނިޝާން، އެ ފައިސާ އިން ގަންނަ ތަކެތީގައި ޖަހަން ޖެހޭނެ ކަމަށް ވެސް ދެ ފަރާތުން އެއްބަސްވާނެ ކަމަށް ޓެލެތޯންގެ ސްޓިއަރިން ކޮމެޓީން ބުންޏެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި މީޑިއާ އިން އިސްނަގައިގެން ހިންގި ހަރަކާތުގައި ދިވެހި ރައްޔިތުން ދިން އެހީތެރިކަމާއި އެއްބާރުލެއްވުމަށް ދިވެހި މީޑިއާގެ ނަމުގައި އެ ހަރަކާތް އިންތިޒާމު ކުރި ސްޓިއަރިން ކޮމެޓީން ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ހެލްޕް ގާޒާ ޓެލެތޯން ފަންޑް މެނޭޖުކުރީ ވެސް ބޭންކް އޮފް މޯލްޑިވްސް އިންނެވެ.