27 Aug 2014, 15:59
މުހައްމަދު ނަސީމް އަދި ހުސައިން ހަސަން
ހުވަދޫ ކަނޑުގެ ސަރަހައްދުގައި މިލިޓަރީ މަތިންދާ ބޯޓްތަކެއް ކަމަށް ބެލެވޭ ފުލައިޓުތަކެއް ދެ ތިން ދުވަސް ވަންދެން އުދުހޭތީ މަސްވެރިން އެކަމާ ކަންބޮޑުވެފައި ތިއްބައި ގޮތް ނޭނގޭ ޑިވައިސްއެއް ކަނޑުން ފެނިއްޖެ އެވެ.
ގއ. އަތޮޅުގެ ބައެއް މަސްވެރިން މިއަދު ބުނީ އާދަޔާ ހިލާފަށް ތިރިން އުދުހޭ ދެ މަތިންދާބޯޓެއް ހުވަދޫ ކަނޑާ ދިމާ މަތީގައި ބުރު ޖަހަމުން އަންނަ ކަމަށާއި ކޮން އެއްޗެއްކަން ނޭނގޭ ޑިވައިސްއެއް ވެސް ފެނިފައިވާ ކަމަށެވެ.
ގއ. ގެ މަސްވެރިއެއް ކަމަށްވާ ވިލިނގިލީ އިރާކުގޭ މުހައްމަދު އިދުރީސް "ސަން" އަށް މިއަދު ބުނީ ހުވަދޫ ކަނޑުގެ އިރުމަތިން 13 ވަރަކަށް މޭލު ބޭރުގައި ވަރަށް ތިރިން އުދުހޭ މަތިންދާބޯޓްގައި އެއީ ކޮން ގައުމެއްގެ ނުވަތަ ކޮން އެއާލައިނެއްގެ ބޯޓެއް ކަން އެނގޭނެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ.

"...އެތެރޭގެ އުދުހުންތަކަށް ބޭނުން ކުރާ ސައިޒްގެ، ހަމަ އެކަހަލަ ގޮތަކަށް އެ ދެބޯޓް ވެސް ފެންނަނީ، ތަފާތަކީ އެއީ ބުރަފަތި ބޭރަށް ހުރި ބޯޓްތަކެއް ނޫން. އެއްވެސް ކަހަލަ ޑިޒައިންއެއް ނުވަތަ ނިޝާނެއް ވެސް ޖަހާފައި ހުރި ތަނެއް ނުފެނޭ. ބޯޓްތަކުގައި ލާފައި ވަނީ ރިހި ކުލަ. މިއަދު ވެސް އެއް ބޯޓް އެބަ ބުރުޖަހާ. ވަރަށް ތިރިން އުދުހެނީ ވެސް، ގާތްގަނޑަކަށް 400 ފޫޓް ވަރު އުހުން ހެން ހީވަނީ. މިއަދު އެއް ފަހަރު ދިޔަ ވަރަށް ތިރިން ވެސް، ހަމަ އުތުރުން ދެކުނަށް ބުރު ޖަހާލަ ޖަހާލައި އުޅެނީ،" މަތިންދާ ބޯޓްތައް އޭނާ އަށް ފެނުނު ގޮތް ކިޔައިދެމުން އިދުރީސް ބުންޏެވެ.
އޭނާ ބުނީ މަތިންދާ ބޯޓާ ބެހޭ މައުލޫމާތާއި ކަނޑުމަތިން ހޮވުނު އޮރެންޖް ކުލައިގެ ޑިވައިސްއާ ބެހޭ މައުލޫމާތު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ފުލުހުންނަށް ވެސް ދީފައި ވާނެ ކަމަށެވެ. އަދި ބުނީ ފެނުނު ޑިވައިސް ވެސް އެފަރާތްތަކާ ހަވާލުކޮށްފައި ވާނެ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ހުސައިން އަލީ މިއަދު ބުނީ މަސްވެރިންނަށް ފެނުނު ޑިވަސްއަކީ ކަނޑުގެ ތަހުލީލުތަކުގައި ބޭނުންކުރާ ޒާތުގެ އެއްޗެއް ކަމަށާއި ނަމަވެސް އެ ޑިވައިސްއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނޭނގޭ ކަމަށެވެ. އެ ސަރަހައްދުގައި މަތިންދާ ބޯޓުތަކެއް އުދުހޭތީ އެ ފުލައިޓުތަކާ ބެހޭ މައުލޫމާތު ހޯދަން "އެކުވެރި ދައުލަތްތަކާއެކު" މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޑިވަސްއަކީ ކަނޑުގެ ތަހުލީލުތަކުގައި ބޭނުން ކުރާ އެއްޗެއް. ނަމަވެސް އެ ޑިވައިސްއާ ބެހޭ އިތުރު މައުލޫމާތެއް ނޭނގޭ،" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ. "އެ ސަރަހައްދުން ފުލައިޓުތަކެއް އުދުހެނީ އަޅުގަނޑުމެންގެ ހުއްދައެއް އޮވެގެނެއް ނޫން. އެ ފުލައިޓުތަކާ ބެހޭ މައުލޫމާތު ހޯދަން އެކުވެރި ދައުލަތްތަކާއެކު އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން."
އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ އެ ސަރަހައްދުގެ ތެރޭގައި އުދުހޭ ނަމަ ހުއްދަ ދޭނީ އެ އޮތޯރިޓީން ކަމަށެވެ. އަދި ބުނީ މިލިޓަރީ މަތިންދާބޯޓެއް އުދުހެން ހުއްދަ ދީފައި ނުވާނެ ކަމަށާއި ނަމަވެސް އެފަދަ ބޯޓްތަކެއް އެ ސަރަހައްދުގައި އުޅޭ ކަމުގެ ރިޕޯޓެއް ލިބިގެން އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"... އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ ބޯޓުތައް އެ ސަރަހައްދުގައި އުދުހުނަމަ އެކަމުގެ ހުއްދަ ދޭނީ އަޅުގަނޑުމެން. އެފަދަ އެއްވެސް ހުއްދައެއް އަދި ބަޔަކަށް ދީފައި ނުވާނެ. ނަމަވެސް މިލިޓަލީ ފުލައިޓުތަކެއް ނަމަ އެކަން އަޅުގަނޑުމެންނަކާ ގުޅުމެއް ނެތް. ނަމަވެސް އެފަދަ ބޯޓުތަކެއް އެ ސަރަހައްދުގައި އުދުހޭތީ އަޅުގަނޑުމެން މި ދަނީ އެކަން ބަލަމުން،" އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.