27 Aug 2014, 13:51
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ފަސް ބޭފުޅުނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އޭސީސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަސް ބޭފުންގެ ތެރެއިން ކޮމިޝަނުގެ މިހާރުގެ ރައީސް ހަސަން ލުތުފީއެ އިތުރު ފަސް އަހަރުގެ ދައުރަކަށް އައްޔަން ކުރަން ފެންނަ ކަަމަށް ވޯޓް ދެއްވީ 75 މެންބަރުންނެވެ. އަދި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުއައްވިޒު ރަޝީދު ވެސް އިތުރު ފަސް އަހަރުގެ ދައުރަކަށް އައްޔަން ކުރަން ފެންނަ ކަމަށް 74 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އެ ކޮމިޝަންގެ މެމްބަރު ކަމަށް ނ. ހޮޅުދޫ ބޮޑުވަޅުދޮށުގޭ އާމިނަތު މިންނާ އައްޔަން ކުރަން ފެންނަ ކަަމަށް 74 މެމްބަރުން ވޯޓު ދެއްވި އިރު ގއ. ވިލިނގިލީ ވައިޖެހޭގޭ ޔަޒުމީދު މުޙަންމަދު އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަަމށް 73 މެންބަރުން ވޯޓް ދެއްވިއެވެ. އަދި ގދ. ވާދޫ ސަދަންވިލާ ޞަފްވަތު މުޙަންމަދު އޭސީސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަަމަށް 75 މެންބަރުން ވޯޓު ދެއްވާފައި ވެއެވެ.
އެ ފަސް ބޭފުޅުންނަށް ރުހުންދިނުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު އެ ހުރިހާ ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް ފާސްކުރުމަށްފަހު އެވެ.
އޭސީސީ އަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ އަނެއް ތިން މެމްބަރުން ކަމަށްވާ މުޙަންމަދު ޝަފީޢު އާއި ޢަބްދުﷲ ޙިލްމީ އާއި ޚަދީޖާ ރަޝީދު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް އެބޭފުޅުންގެ ނަންފުޅު ރައީސް މަޖިލީހަށް ފޮނުއްވާފައެއް ނުވެއެވެ.