ޝަހީބް މީޑިޔާ ކޮންސަލްޓަންސީގެ ފަރާތުން އައްޑޫގައި ނޫސްވެރިކަމާ ބެހޭ ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ފަރާތުން މިއަދު ބުނެފި އެވެ.

ޝަހީބް މީޑިޔާ ކޮންސަލްޓަންސީގެ ފަރާތުން މުހައްމަދު ޝަހީބް މިއަދު ވިދާޅުވީ ނޫސްވެރިކަމާ ބެހޭ ކޯސް ހިންގާނީ ފެބްރުއަރީ 4-12 އާ ހަމަ އަށް ސ. ހިތަދޫގައި ކަމަށެވެ. އަދި މިފަހަރު އައްޑޫގައި ކޯސް ބާއްވަން ނިންމީ މީގެ ކުރިން މާލޭގައި މިދިޔަ ނޮވެމްބަރު މަހު ހިންގި ކޯހަށް ވެސް ބޮޑު ތަރުހީބެއް އައްޑޫން ލިބިފައިވާތީ ކަމަށް ޝަހީބް ވިދާޅުވި އެވެ.

"މިދިޔަ ނޮވެމްބަރު މަހު މާލޭގައި ބޭއްވި ކޯހަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ރަށްރަށުން ވެސް އަދި ހާއްސަކޮށް އައްޑޫ އިން ވެސް ކޯހަށް ކުދިން އައި. އެހެންވެ އަޅުގަނޑުމެން ނިންމީ މިފަހަރު އައްޑޫގައި ކޯސް ބާއްވަން،" ޝަހީބް ވިދާޅުވި އެވެ.

ނޮވެމްބަރު މަހު މާލޭގައި ބޭއްވި ކޯހަށް މީހެއްގެ އަތުން 2500 ރުފިޔާ ޗާޖުކުރި އެވެ. ނަމަވެސް ޝަހީބް ވިދާޅުވީ އަޢްޑޫގައި ބާއްވާ ކޯހަށް ނަގާނީ މީހެއްގެ އަތުން 2000 ރުފިޔާ ކަމަށެވެ.

ޝަހީބަކީ ހަވީރު ނޫހާއި ސަން އޮންލައިނުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ.