17 Jan 2011, 16:40
ކަނޑާއި އަތްވާއި އަދި ވައިން ރާއްޖޭގެ މުޅި އިގްތިސާދަށް ފުދޭ ވަރަށް އިއާދަ ކުރަނިވި ހަކަތަ އުފެއްދިދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ޓްރޭޑާސް ހޮޓަލުގައި "ސައުތް އޭޝިއާ ލައިޓިން ޓްރާންސްފޮމޭޝަން ފޯރަމް" އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މާލިއްޔަތުން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ ބޭރު ގައުމުތަކުން ތެޔޮ ގަތުމަށް ކަމަށެވެ. ނަމަވެސް، މުޅި އިގްތިސާދަށް ވާވަރަށް އިއާދަކުރަނިވި ހަކަތަ އުފެއްދިދާނެ ވަސީލަތްތައް ރާއްޖޭގައި އަބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމުގައި ގިނަ އަދެއްގެ އިއާދަ ކުރަނިވި ހަކަތަ ލިބޭނެ ވަސީލަތްތަކެއް އެބަހުރި. އަޅުގަނޑުމެންނަށް ފުދޭވަރަކަށް އަވި ލިބޭ. ރަނގަޅު ވައި ލިބެން އަބަހުރި އަދި އަޅުގަނޑުމެން ވަށައިގެން މިވަނީ ކަނޑު. މިއީ އަޅުގަނޑުމެންގެ އިގްތިސާދަށާއި ކުރިއެރުމަށް ބޭނުންވާ މިންވަރަށް އިއާދަ ކުރަނިވި ހަކަތަ އުފެއްދިދާނެ ވަސީލަތްތަކެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ކާބަން ނިއުޓްރަލް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ޕްލޭން މިހާރު ރޭވަމުން ދާކަމަށާއި ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ވެގެންދާނީ އެއްގޮތަކަށް ވެސް ކާބަން ބޭރު ނުކުރާ އިގްތިސާދަކަށް ކަމަށެވެ.
މީގެ އިތުރުން ތެލުގެ އަގު ބޮޑުވަމުން ދިއުމާ ގުޅިގެން ރާއްޖޭގެ ކުރިއެރުމަށް ބޮޑެތި ހުރަސްތަކެއް އެޅެމުން އަންނަ ކަމުގައި ރައީސް ވިދާޅުވި އެވެ.
"ބޮޑު ހަރަދެއް ކޮށްގެން އެންމެ ގިނައިން ބޭރު ފައިސާ ހަރަދުކުރަން ޖެހެނީ ތެޔޮ ގަތުމަށް. ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އެތައްފަހަރަކު އަޅުގަނޑުމެން ކުޑަކަކޫ ޖަހަންޖެހޭ ފަދަ ހާލަތްތަކަކަށް އާދޭ." ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އެފަދަ ސަބަބުތަކަށް ޓަކައި ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ވުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ވުމުގެ ހަމައެކަނި މަގުސަދަކީ ހެޔޮ ބަދަލުތަކެއް ގެނައުން ނޫން ކަމަށާއި، އެހެން ގައުމުތަކަށް ރާއްޖެ ނަމޫނާ އަކަށް ހެދުމަކީ ވެސް އޭގެ މަގުސަދެއް ކަމަށް ރައީސް ވިދާޅުވިއ އެވެ.