ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން، 76، (އައްޔުބޭ) މަރާލުމަށް އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ އެ ރަށު މާލެވި އިބްރާހީމް ވަސީމްގެ މައްޗަށް ކުރި ދައުވާ ދެ އަހަރު ފަހުން ބަދަލުކޮށްފި އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އައްޔުބޭ މަރާލުމުގައި އެހީތެރިވި ކަމަށް ތުހުމަތުކުރެވޭ ދޮންކާފަ ދަރިފުޅު، ވަސީމްގެ މައްޗަށް ކުރިން އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެއިރު އޭނާ ވަނީ ކުށަށް އިއުތިރާފުވެ ފުލުހުންގެ ތަހުގީގަށް ދީފައިވާ ތަފްސީލީ ބަޔާނުގައިވާ ހުރިހާ ކަންތައްތަކަށް ވެސް އެއްބަސްވެފަ އެވެ.

ދެ އަހަރު ފަހުން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުރި މީހަކު މަރާލުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް އިއްވައިފަ އެވެ.

ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޖެނުއަރީ 2012 ،8 ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ކުޑަހުވަދޫ ޕްރީސް ކޫލާ އިންވެގެން ހުޅަނގަށް އޮންނަ ތުނޑި މިސްކިތްމަގުން ހިނގާފައި ދަނިކޮށް ވަސީމް އާއި އިތުރު ބަޔަކު އޭނާއަށް ފާރަލާން ފެށި ކަމަށެވެ. އަދި އޭގެ ފަހުން ވަސީމާއެކު އުޅުނު އިތުރު މީހުން އައްޔުބެއަށް ވަޅިން ހަމަލާދީ އެ މަގުގައި ހުންނަ ހުދު އަލި ކިޔާ ފަޅު ގޯއްޗަކަށް ވެއްދުމަށްފަހު ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއްކޮށް އޭނާ މަރާލާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެ މީހުން އައްޔުބޭ މަރާލުމަށްފަހު އޭނާ މަރާލަން ބޭނުން ކުރި ތަކެތި ވަސީމާއި އިތުރު ކުދިންތަކަކާ ހަވާލު ކުރުމުން އޭގެ ތެރެއިން ބައެއް ވަޅި މޫދަށް އުކާލައި އިތުރު ވަޅިއެއް ތުނޑީގައި ވަޅުލާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އައްޔުބޭ މަރާލަން ބޭނުން ކުރި އަންގިތަކާއި މާސްކުގެ އިތުރުން މަރާލި ވަގުތު އެ މީހުން ލައިގެން ތިބި އަންނައުނު ތުނޑީގައި އަލިފާންގަނޑެއް ރޯކޮށް އަންދާލާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުވާއަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން ވަސީމް ބުނީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން އޭނާ ބޭނުންވާ ކަމަށެވެ.

ގާޒީ ވިދާޅުވީ އެނާ އަށް ވަކީލަކު ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ކޯޓުން އެދޭނެ ކަމަށެވެ.

އައްޔުބޭ މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ދެ ކުއްޖެއްގެ މައްޗަށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެއީ އެ ދެ ކުދިން ކުށަށް އިއުތިރާފުވުމުންނެވެ. އެ ކޯޓުން ކުރި ހުކުމްގައި އައްޔުބޭގެ ވާރިސުންގެ ތެރެއިން އެކަކަށް 18 އަހަރު ފުރެންދެން އެ ދެ ކުދިން ޖަލުގައި ބަންދުކޮށްފައި ބޭތިއްބުމަށާއި އަދިއޭގެފަހުން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.

އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ވަޅިން ހަމަލާދީ އައްޔުބޭ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އައްޔުބޭ މަރާލި ކަމުގެ ތުހުމަތުގައި ދެން ދައުވާ އުފުލާފައި ވަނީ ކުޑަހުވަދޫ ފަނަސް ފައުޒާން މުހައްމަދާއި އެރަށު ރަނަކުރި އިބްރާހީމް މާޖިދުގެ މައްޗަށެވެ. އެ ދެ މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.