27 Aug 2014, 10:46
ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަރާލައި ފޮށްޓަކަށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީ އަށް ފޮނިވާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
އޭނާގެ މައްސަލަ ޕީޖީ އަށް ފޮނުވާފައިވާ އިރު، އަންހެން މީހާ ވަނީ މިހާރު ގޭބަންދަށް ބަދަލުކޮށްފަ އެވެ. އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ކޯޓަށް ގެންދިއުމުން ވަނީ 15 ދުވަހު ގޭބަންދުގައި ބަހައްޓަން ނިންމާފަ އެވެ.
އުމުރުން 18 އަހަރުގެ އެ އަންހެން މީހާ ވިހެއި ތުއްތު ދަރިފުޅުގެ އަނގަޔަށް ފޮތި ލައްވައި މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު މ. ސިލްވާޝާކް ގޭގެ ތިން ވަނަ ބުރީގައި ހުރި ފޮއްޓެއްގެ ތެރެއިންނެވެ.
އެ އަންހެން މީހާ ވިހެއިކަން ފަޅާއެރީ ލޭ މަނާނުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން ދަރިއަކު ވިހާފައިވާކަން ޑޮކްޓަރުންނަށް އެނގުމުންނެވެ. ކައިވެނީގެ ބޭރުން ދަރިއަކު ލިބި، ވިހާފައި ވާތީ އެ އަންހެން މީހާގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ އޭޑީކޭ ހޮސްޕިޓަލުންނެވެ.