ސައިހޮޓާތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް ގޭސް ދޫކުރުން ލިމިޓްކުރުން ރެއިން ފެށިގެން ދޫކޮށްލައި ބޭނުން ވަރަކަށް ގޭސް ދޫކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ގޭސް އިން ބުނެފި އެވެ.

މޯލްޑިވް ގޭސްގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ އެކުންފުނީގެ ގޭސް ބޯޓު އިއްޔެ މާލެ އައިސްފައިވާ ކަމަށާއި އެހެންކަމުން ރެއިން ފެށިގެން ލިމިޓެއް ނެތި ގޭސް ދޫކުރަން ފެށޭނެ ކަމަށެވެ.

ސައިހޮޓާތަކާއި ރެސްޓޯރަންޓުތަކަށް ގޭސްދޫކުރުން ލިމިޓްކޮށްފައި ވަނީ ވިއްސާރަވުމުގެ ސަބަބުން ގޭހުގެ ޝިޕްމަންޓް ރާއްޖެ އައުން ލަސްވާތީ ކަމަށް މޯލްޑިވުގޭސް އިން ކުރިން ވަނީ ބުނެފަ އެވެ.

އެކުންފުނީގެ ގޭސްޕްލާންޓް ހުންނަނީ ތިލަފުށީގައި ކަމަށާއި އެހެންކަމުން މިދުވަސްވަރު ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ގޭސްފުޅިތައް މާލެ ގެނައުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސައިހޮޓާތަކާއި ރެސްޓޯރަންޓްތަކަށް ގޭސްދޫކުރުމުގައި ލިމިޓެއް ގެންގުޅުނު ނަމަވެސް ގޭބިސީތަކަށް ގޭސްދޫކުރުމުގައި ލިމިޓެއް ނުގެންގުޅެ އެވެ.