ގާޒާ (އޮގަސްޓް 27) : ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދިޔަ އުދުވާނާއި ގަތުލުއާންމުތަކުން ހާސިލް ކުރަން ބޭނުންވާ މަގުސަދު ހާސިލް ނުވުމާ ގުޅިގެން އަމާންދީ އުދުވާނު ހުއްޓާލުމަށް އިސްރާއީލުގެ ހަރުކަށި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެންމެ ފަހުން މަޖްބޫރުވެއްޖެ އެވެ.

ގާޒާއާ ދެކޮޅަށް ހިންގަމުން ގެންދިޔަ އުދުވާން ހުއްޓާލުމަށާއި ފަލަސްތީން މުޖާހިދުންގެ ޝަރުތުތައް ގަބޫލުކުރުމަށް ނަތަންޔާހޫއަށް މަޖްބޫރުވެވަޑައިގަތީ މުޖާހިދުންގެ ރައްދު ހަމަލާތައް އާދަޔާ ހިލާފަށް ވަރުގަދަވަމުން ދިޔުމާއެކު އެހަމަލާތައް ހުއްޓުވުމަށް އިސްރާއީލު ބާރުގަދަ ލަޝްކަރުތައް މުޅިން ނާކާމިޔާބުވުމުގެ ސަބަބުންނެވެ. 50 ދުވަހަށްފަހު ވެސް މަގުސަދު ހާސިލްނުވެ ދާއިމީ ގޮތަކަށް އުދުވާނު ހުއްޓާލުމަށް ރޭ ނަތަންޔާހޫ އެއްބަސްވެވަޑައިގެން އެއްބަސްވުމަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު އާދަޔާ ހިލާފު ނަސްރެއް ކަމަށް މުޖާހިދުންގެ ލީޑަރުން ވަނީ ސިފަކުރައްވާފަ އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ އެންމެ ބާރުގަދަ ޖަމާއަތް ކަމަށްވާ ހަމާސް ޖަމާއަތުން ބުނީ މުޖާހިދުން އިސްރާއީލުގެ މައްޗަށް އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ބަޔާން ވެގެންވާ ނަސްރު ހޯދައިފި ކަމަށާއި މުޖާހިދުންގެ ޝަރުތުތައް ގަބޫލުކުރުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރަށް މަޖްބޫރު ކުރެވިއްޖެ ކަމައެވެ. އަދި ދުވަހަކު ވެސް ބަލިނުވާނެ ކަމަށް ބުނެ އިސްރާއީލުން ޕްރޮޕަގެންޑާ ކުރާ އިސްރާއީލުގެ ބާރުގަދަ ލަޝްކަރުތައް މުޖާހިދުންގެ އަތްދަށުން ނިކަމެތި ގޮތަކަށް ބަލިވެފައިވާ ކަމަށާއި މުޖާހިދުން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައް ހުއްޓުވުމުގަ އާއި މުޖާހިދުންގެ އަތުން ހަތިޔާރު ނިގުޅައި ގަތުމުގައި އިސްރާއީލު ސިފައިން މުޅިން ނާކާމިޔާބު ވެފައިވާ ކަމަށް ހަމާސްގެ ތަރުޖަމާން ސާމީ އަބޫޒުހުރީ ވިދާޅުވި އެވެ.

ހަމަލާތައް ބަދަލުކުރުން ދިގު މުއްދަތަކަށް ހުއްޓާލުމަށް މިސްރުން ހުށަހެޅި އެއްބަސްވުމުގައި ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ހިޟާރުގެ ފިޔަވަޅުތައް ނައްތާލުން އެންމެ ބޮޑު ޝަރުތުގެ ގޮތުގައި ހިމަނާފައިވެ އެވެ. މިކަމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމަށްފަހު ކުއްލިގޮތަކަށް ނަތަންޔާހޫ މިކަމަށް އެއްބަސްވެވަޑައިގަތުމުން އޭނާގެ ކެބިނެޓްގެ ބައެއް މެންބަރުންނަށް ވަނީ ޝޮކެއް ލިބިފައި ކަމަށް އިސްރާއީލުގެ މީޑިޔާ ބުނެ އެވެ.

ހަމަލާތައް ދިގުމުއްދަތަކަށް ހުއްޓާލުމުގެ އެއްބަސްވުމުގައި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އެހީގެ ބާވަތްތަކާއި ގާޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލްވެސް ގާޒާއަށް ވެއްދުމުގެ ފުރުސަތު ދިނުމަށް އިސްރާއީލު އެއްބަސްވެފައިވެ އެވެ. އަދި އިސްރާއީލާއި ގާޒާއާ ދެމެދުގައިވާ ސަރަހައްދީ ރޮނގުގައިވާ ހުރަސްކުރާ ކްރޮސިން ގޭޓްތައް ހުޅުވާފައި ބޭއްވުމަށާއި ފަލަސްތީނުގެ މަސްވެރިންނަށް ގާޒާގެ ކަނޑުގެ ބޮޑު ސަރަހައްދަކުން މަސްވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށް ވެސް އެއްބަސްވެފައިވެ އެވެ. އަދި ހަމަލާތައް ބަދަލުކުރުން ހުއްޓާލާތާ އެއްމަސް ދުވަހަށްފަހު، ގާޒާގައި ކަނޑުގެ ބަނދަރެއް ބިނާކުރުމަށާއި ގާޒާގެ އެއާޕޯޓް ބިނާކުރުމުގެ ފުރުސަތު ދިނުމާބެހޭ ގޮތުން މިސްރު މެދުވެރިއަކަށްވެގެން ފަލަސްތީނާ އެކު (ހަމާސްޖަމާއަތް ހިމެނޭގޮތަށް) ނުސީދާ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ވެސް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު އެއްބަސްވެ ވަޑައިގެންފައިވެ އެވެ.

މިއީ ނަތަންޔާހޫ އެންމެފަހު ވަގުތައް ވެސް އިންކާރު ކުރައްވަމުން ގެންދެވި ހަމާސްގެ ޝަރުތުތަކެވެ. މިހުރިހާ ކަންތައްތަކަކީ ވެސް ހަމާސް އިން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައް ހުއްޓާލުމަށް އެޖަމާއަތުން އިސްރާއީލަށް ހުށަހެޅި ޝަރުތުތަކެވެ. މިހުރިހާ ޝަރުތުތަކަށް ނަތަންޔާހޫ އެއްބަސްވެވަޑައިގަތުމުން ހަމާސް އިން ވެސް ވަނީ އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައް ދިގުމުއްދަތަކަށް ހުއްޓާލުމަށް ނިންމައި ރޮކެޓް ހަމަލާތަކުގެ ސަބަބުން މަގުމަތިވެފައިވާ އިސްރާއީލުގެ އެތައް ހާސް ބަޔަކަށް އެމީހުން ގެދޮރަށް އަނބުރައި ދިޔުމުގެ ފުރުސަތު ދިންކަން ހާމަކޮށްފަ އެވެ. ނަމަވެސް ހަމާސްގެ އަތުން ހަތިޔާރު އަތުލުމަށް އިސްރާއީލު ހުށަހެޅި ހުށަހެޅުމަށް އެއްބަސްވެފައިނުވާނެ ކަމަށް މިކަމާމެދު މަޝްވަރާ ވެސް ނުކުރާނެ ކަމަށް ހަމާސް ގެ ތަރުޖަމާން ސާމީ އަބޫޒުހްރީ ވިދާޅުވި އެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލްގެ ސަލާމަތީ ކެބިނެޓްގެ ދެބައިކުޅަ އެއްބައި ވަޒީރުން ދެކޮޅު ހައްދަވާ ކަމަށް އިސްރާއީލުގެ މީޑިޔާ ބުނެ އެވެ. މި އެއްބަސްވުން ގަބޫލުކުރުމަށް ދެކޮޅު ހެއްދެވި އިސްރާއީލުގެ ވަޒީރުންގެ ތެރޭގައި އިގްތިސާދާބެހޭ ވަޒީރު ނަފްތާލީ ބެނެޓް އާއި ހާރިޖީ ވަޒީރު އިވިގެޑޯ ލިބަމެން އާއި އެތެރޭގެ ސަލާމަތާ ބެހޭ ވަޒީރު އަރްނޮވިޗާއި ކޮމިއުނިކޭޝަނާބެހޭ ވަޒީރު ވެސް ހިމެނޭ ކަމަށް އިސްރާއީލުގެ މީޑިޔާ ބުނެ އެވެ. ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމަށް ހަމާސުން ހުށަހަޅާފައިވާ ޝަރުތުތައް އިސްރާއީލުން އެންމެ ފަހުން ގަބޫލުކުރީ ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ހަމާސްގެ ހަމަލާތައް އާދަޔާ ހިލާފަށް ވަރުގަދަވެ އެހަމަލާތަކުން އިސްރާއިލަށް ލިބޭގެއްލުންތައް ބޮޑުވަމުން ދިޔުމާ އެކު ހަމާސްގެ ބިންގަރާސްތައް ނައްތާލެވޭނެ ގޮތެއްނެތުމާއި ރޮކެޓް ހަމަލާތައް ވެސް ހުއްޓުވުމުގައި ނާކާމިޔާބު ވެގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެއިތުރުން ރޮކެޓް ހަމަލާތަކުގެ ސަބަބުން މަގުމަތިވެފައިވާ އިސްރާއީލުގެ އެތައް ހާސް ބަޔަކު ހަމަލާތައް ހުއްޓާލުމަށް އެދި ނަތަންޔާހޫ އާ ދެކޮޅަށް ކުރަމުން ގެންދިޔަ މުޒަހަރާތަކާއި ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންގެ ވިސްނުން އިސްރާއީލާ ދެކޮޅަށް ބަދަލުވަމުން ދިޔަ ދިޔުމާއި ކުށްވެރި ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުގައި އިސްރާއީލު ސިފަވަމުން ދިޔުން ވެސް އަމާން ދިނުމަށް އިސްރާއީލަށް މަޖްބޫރުވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން، ރޭ ފަލަސްތީނުގެ ގަޑިން 6 ޖެހިއިރު ތަންފީޒުކުރަން ފަށާފައިވާއިރު ގާޒާގެ މަގުތައް މުޅިން އަމާންވެ ރައްޔިތުން މަގުތަކަށް ނުކުމެ އުފާފާޅުކޮށް ތަކްބީރާއި ތަހުލީލު ކިޔަމުން ގެންދާ މަންޒަރު ޓީވީ ޗެނަލްތަކުން ވަނީ ދައްކާފަ އެވެ.