17 Jan 2011, 15:16
އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ ބުޓެނިސް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ގުޅުމާއި، މި ގުޅުން އިތުރަށް ފުޅާ ކުރެއްވޭނެ ގޮތްތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމަށް އިތުރަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސް ނަޝީދާއި ބުޓެނިސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާ ބެހޭގޮތުން ބުޓެނިސްއަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ ވައުދުތައް ފުއްދެވުމުގައި ހޯއްދަވާފައިވާ ކުރިއެރުމުގެ ފައިދާ، ރައްޔިތުންނަށް ސީދާ ގޮތުން ލިބެމުންދާކަމަށާއި، ވަކިން ޚާއްޞަ ގޮތެއްގައި ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމާއި، ދަތުރުފަތުރުގެ ނިޒާމްގެ ސަބަބުން ރައްޔިތުންނަށް ލިބޭފައިދާ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަކަން، އެމަނިކުފާނު ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން ސާފުވެވަޑައިގަންނަވާ ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.