27 Aug 2014, 00:23
ސްޕެޝަލް އިކްނޮމިކް ޒޯން (އެސްއީޒެޑް) ބިލް އިގްތިސާދީ ކޮމެޓީން ނިންމައި ރިޕޯޓް ތަޅުމަށް ހުށަހެޅުމުން އެ ބިލަށް މެންބަރުން 274 އިސްލާޙް ހުށަހަޅުއްވައިފި އެވެ.
އަންގާރަ ދުވަހު ހަވީރު ބޭއްވި ޖަލްސާގައި އެސްއީޒެޑްގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ)ގެ ދަށުން 172 އިޞްލާޙަކާއި 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 43 އިޞްލާޙެއް ހުށަހަޅާފައިވެއެވެ. އަދި 83 ވަނަ މާއްދާގެ (ނ)ގެ ދަށުން 39 އިޞްލާޙެއް ހުށަހަޅާފައިވެއެވެ. އަދި އިޞްލާޙްތަކަށްފަހު މި ބިލަށް 20 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވީ، ބުދަ ދުވަހު ބާއްވާ ޖަލްސާގައި ކުރިއަށްދާނީ މެންބަރުން ބިލަށް ހުށަހަޅާފައިވާ އިސްލާޙްތަކަށް ވޯޓަށް އަހައި ފާސްކުރުމުގެ މަސައްކަތް ކަަމަށެވެ. އަދި ވިދާޅުވީ، އިސްލާހުތަކަށް ވޯޓަށް އެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ވަކިވަކިން ކަަމަށެވެ.
އަމީންއާންމު އިތުރަށް ވިދާޅުވީ، ޖަލްސާގެ ވަގުތު ހަމަވާއިރު އިސްލާޙުތަކަށް ވޯޓަށްއަހައި ނުނިމިއްޖެނަމަ ދެން ޖަލްސާ ކުރިއަށް ގެންދާނީ މެންބަރަކު ޖަލްސާ ކުރިއަށް ގެންދަން ހުށަހަޅައި އެކަަމަށް ތާއީދު ލިބުމުން ކަަމަށެވެ. އަދި އެގޮތަށް ތާއީދު ލިބިއްޖެނަމަ ބިލް ފާސްކޮށް ނިމެންދެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަަމަށް ވެސް މަޖިލީހުގެ އަމީންއާންމު ވިދާޅުވި އެވެ.
އިގްތިސާދީ ކޮމެޓީން އެސްއީޒެޑްގެ ބިލްގެ މަސައްކަތް ނިންމައި ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ބިލަށް ވަނީ 274 އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން އެ ބިލަށް 300 އިސްލާޙު ހުށަހެޅިއިރު މަޖިލީހުގެ ތަޅުމަށް ހުށްހެޅުމުގެ ފުރުސަތު ލިބުނީ 180 އިސްލާހެވެ. އެހެން އިސްލާޙްތައް ވަނީ ތަފާތުއެކި ސަބަބުތަކުގެ ސަބަބުން ހުށަހެޅުމުގެ ފުރުސަތު ގެއްލިފަ އެވެ.
އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގުމަށް އެ ގާނޫނުން ހުއްދަކުރާ ބާވަތުގެ ޒޯންތަކުގެ ތެރެއިން ހިންގާނީ ކިތައް ޒޯންކަން ކަނޑައަޅާނީ މިނިސްޓަރު ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުން ކަމަށް ވަނީ ބުނެފަ އެވެ. މިހާރު އޮތް ގޮތުން ނަމަ އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ހާއްސަ ބޯޑަކުންނެވެ.
ރާއްޖޭގައި ގާއިމުކުރާ ޒޯންތަކުގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައި ކަމާއި އަދި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ބޯޑުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އަހަރަކު އެއްފަހަރު އަންގަވަން ވާނެ ކަމަށް ބުނެފައިވާ މާއްދާ ބަދަލު ކުރުމަށް ވެސް އެމްޑީޕީން ވަނީ ދެ އިސްލާހެއް ހުށަހަޅާފަ އެވެ. އޭގެ އިތުރުން ޖުވާ ކުޅުމާއި އެހެން ދީންތަކުގެ މީހުނަށް އަޅުކަން ކުރުމުގެ ހުއްދަ އިކޮނޮމިކް ޒޯނެއްގައި ދީގެން ނުވާނެ ކަމަށް ބަޔާންކޮށް ވެސް އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ.
އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން އެސްއީޒެޑް ގާނޫނުގެ ދަށުން މަސްވެރިކަމާއި ޓޫރިޒަމާއި ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރު ހިންގުމަށް އިންވެސްޓެއް ނުކުރެވޭނެ އެވެ. އެ މާއްދާއަށް ހުށަހަޅާފައިވާ ދެ ވަނަ އިސްލާހަކީ ރާއްޖޭގައި ގާއިމުކުރާ ޒޯންތަކުގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައި ކަމާއި އަދި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ނިންމާނީ ބޯޑުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ އިސްލާހެވެ. އަދި ޒޯންގައި އިންވެސްޓް ކުރަން ވާނެ އެންމެ ކުޑަ މިނެއް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން ކަމަށް ކަނޑައަޅަން ވެސް އެމްޑީޕީން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން އުފައްދާ ޒޯންތަކުގެ ކަންކަން ބެލުމަށްޓަކައި ޒޯން ސުޕްރިންޓެންޑެންޓްގެ އިތުރުން ޒޯން ކޮމިޝަނަރެއް ހުންނަވަން ވާނެ ކަމަށް ކަނޑައެޅުމަށް ވެސް އިސްލާހެއް ހުށަހަޅާފައި ވެއެވެ. އަދި ޒޯން ކޮމިޝަނަރުގެ މައްސޫލިއްޔަތުތައް ވެސް އެ މާއްދާއާއެކު ހުށަހަޅާފައިވެ އެވެ. އަދި އިކްނޮމިކް ޒޯނެއްގައި އިންވެސްޓް ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އެޒޯން ހިމެނޭ ސަރައްދަކީ ކައުންސިލެއްގެ އިހްތިސާސް ތެރޭގައި އޮތް ސަރައްދެއް ނަމަ އެ ކައުންސިލުގެ ރުހުން ހޯދަން ވާނެ ކަމަށް ބުނެ ވެސް އިސްލާހެއް ހުށަހަޅާފައިވެ އެވެ.