26 Aug 2014, 23:16
ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ރަޝިޔާގެ އަންހެންމީހާ ޑީޕޯޓުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރަޝިޔާގެ ރައްޔިތެއް ކަމަށްވާ އެންޖެލީނާ ޕްރުޓޯވާ ޑީޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 3:47 އެހައިކަންހާއިރު އެވެ.
އެންޖެލީނާ މިއަދު ޑީޕޯޓުކޮށްފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް މި މަހުގެ 12 ވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. އެދުވަހު އޭނާ ވަނީ ރަޝިޔާ ބަސް ދަންނަ ތަރުޖަމާނަކު ބޭނުންވާ ކަމަށް ކޯޓުގައި އެދިފައެވެ.
އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ދުބާއީގައި ހުރުމަށްފަހު އެމިރޭޓްސްގެ ފްލައިޓަކުން އެދުވަހުގެ ހެނދުނު 8:35 އެހައިކަންހާއިރު އެންޖެލީނާ ރާއްޖެއައުމުން ކަސްޓަމްސްގެ އޮފިސަރުން އޭނާގެ ލަގެޖް ޗެކްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންގެ ދެ ކިލޯ ވަނީ ފެނިފައެވެ.