ފަންސާސް އަހަރަށް ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައި ވަނިކޮށް ވިލާ އެއާ އަތުން، އެ އާޕޯޓް އަތުލައި މައްސަލަ ޝަރީއަތަށް ހުށަހަޅައިފި އެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދީފަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ ކާޑެއްދޫ އެއާޕޯޓް އެއްބަސްވުން އުވާލީ އެ އެއާޕޯޓް ހިންގުމަށް ވިލާ އެއާއިން ވެފައިވާ އެއްބަސްވުމާ ޚިލާފުވުމުން ކަމަށެވެ.

ވިލާއެއާގެ މެނޭޖިންގެ ޑިރެކްޓަރު ރިޟްވާން ޝަރީފް ވިދާޅުވިގޮތުގައި އެކުންފުނިގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުމަށް ނޯޓިސް ފޮނުވާފައިވަނީ ދެ މާއްދާއަކާއި ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެ ދެ މާއްދާއަކީ ފުލައިޓް ޖެއްސުމުގެ ސެކިއުރިޓީ ރަނގަޅު ކުރުމާއި ބައެއް އޮޑިޓްތައް ހަދައި ކަންކަން އިސްލާހު ކުރުމަށް ބާރުދޭ ދެ މާއްދާ ކަމަށް އޭނާ ވިދާޅުވި އެވެ.