"މޯލްޑިވް ގޭސް"އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގޭސް ރައްކާކުރާނެ ސްޓޯރޭޖް ނެތުން ކަމަށާއި އެކަން ހައްލުކުރުމަށް ގޭސް ރައްކާކުރާނެ އިތުރު ސްޓޯރޭޖްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވްް ގޭހުގެ ގޭސްޕްލާންޓު ހުންނަ ތިލަފުށީގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ، އެ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގޭސް ރައްކާކުރާނެ ސްޓޯރޭޖް ނެތުން ކަމަށެވެ. އަދި އެ ކުންފުނީގައި ގޭސް ރައްކާކުރުމުގެ މިހާރުގެ ކެޕޭސިޓީއަކީ 1000 މެޓްރިކްޓަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގޭސް ރައްކާކުރާނެ އިތުރު ސްޓޯރޭޖްތަކެއް ހެދުމަށް އިންވެސްޓަރުން ހޯދަމުން އަންނަ ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އިރުއިރުކޮޅާ ބޯޓު ހޯދައިގެން ބޯޓު ގެނައުމަކީ ވެސް ފަސޭހަ ކަމެއް ނޫން. މިހާ ކުޑަކުޑަ ކެޕޭ ސިޓީއަކަށް ބަލާފަ. އަޅުނގަޑުމެން މިބަލަނީ އަންނަ އަހަރުގެ ތެރޭގައި އިތުރު އިންވެސްޓްމަންޓް ފުރުސަތުތައް ލިބިގެން، ބޮޑު ކެޕޭސިޓީއެއް އިންކްރީޒް ކުރުން. އިންވެސްޓަރުންގެ އިންޓްރެސްޓް ހޯދައިގެން އެޔަށް ވަރަށް ބޮޑު އިސްކަމެއްދީގެން މިގެންދަނީ،" މޯލްޑިވްް ގޭސްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

އެގޮތުން ގޭސް ރައްކާކުރުމަށް އިތުރު 1500 މެޓްރިކްޓަނުގެ ދެ ސްޓޯރޭޖް އިތުރު ކުރުމުން، ކުރިއާ އަޅާބަލާއިރު ގޭސް އެތެރެ ނުކޮށް ގިނަ ދުވަހު ފަރުޖައްސާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކެޕޭސިޓީ އިތުރުކުރުމުން 3800 މެޓްރިކްޓަން ނުވަތަ 4000 މެގަޓަންގެ ބޯޓެއް ޖެހިލުމެއް ނެތި އަންނާނެ. އޭރުން ފުލީ ކާގޯ އަންލޯޑް ކޮށްލެވޭނެ. އަދި އޭރުން އަޅުނގަޑުމެން ދޭސް ގެންނަންޖެހޭނީ ހަ މަހުން ހަތަރު މަހުން،" މައުމޫން ވިދާޅުވި އެވެ.

މޯލްޑިވް ގޭހުން މިހާރު ރާއްޖެއަށް ގޭސް އެތެރެކުރަނީ ކޮންމެ 40 ދުވަހަކާއި 45 ދުވަހާއި ދޭތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވިއްސާރަވުމުގެ ސަބަބުން ގޭހުގެ ޝިޕްމަންޓު ރާއްޖެ އައުން ލަސްވުމާ ގުޅިގެން މޯލްޑިވް ގޭހުން،
ސައިހޮޓާ ތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނަށް ގޭސްދޫކުރުން ލިމިޓް ކުރިއެވެ. ނަމަވެސް މިއަދު ގޭހުގެ ޝިޕްމަންޓް ލިބުމުން ކޮންޓްރޯލެއް ނެތި އެ ކުންފުނިން ވަނީ ގޭސް ދޫކުރަން ފަށައިފައެވެ.