ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކޮށްދެއްވުމަށް ގައުމީ ބަތޮލު ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގެ މައްޗަށް ފިލްމެއް ހަދަމުންދާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ބުނެފި އެވެ.

އެމްބީސީން ބުނީ، ބޮޑުތަކުރުފާނާއި އެ ބަތަލުގެ އަރިހުގައި ޖިހާދުކުރެއްވި މުޖާހިދުންގެ ޖިހާދުގެ އަމަލީ މަސައްކައްކަތްތައް ދައްުކުވައިދޭ ސިލްސިލާ ފިލްމަކާއި ތިއޭޓަރު ފިލްމެއް އުފެއްދުމަށް ނިންމައި، ފިލްމު އުފެއްދުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން އެ ފިލްމު ތައްޔާރުކުރުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އެކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ފަންނުވެރިންނާ އެކު މަޝްވަރާކުރަން ފަށާފައިވާއިރު، ހޯމް މިނިސްޓްރީއާ އެމްއެންޑީއެފުން އެކަމަށް އެހީތެރިކަން ދެއްވަން ނިންމާފައިވާ ކަމަށް އެމްބީސީން ބުންޏެވެ.

މީގެ އިތުރުން އެ ފިލްމުގެ ސިލްސިލާއެއް ރަނގަޅު ފެންވަރުގައި ތައްޔާރުކުރުމުގައި ފަންނީ ގޮތުންނާއި މާއްދީގޮތުންނާއި މާލީގޮތުން އެހީތެރިވެވިދާނެ ފަރާތްތަކުން އެކަން އެ ކޯޕަރޭޝަނަށް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށާއި ގައުމަށް އޮންނަ ލޯބިއިތުރުކޮށް، ގައުމަށް ހިދުމަތްކުރުމާއި ގައުމު ދިފާއުކުރުމުގެ ޝައުގާއި ޖޯޝް ދިވެހި ޖީލުތަކުގެ ހިތްތަކުގައި އިތުރުކުރުމުގެ މަގްސަދުގައި އުފައްދާ އެ ސިލްސިލާ ފިލްމު އުފެއްދުމަށް ނިންމާފައިވަނީ އެޗްޑީ ކޮށެވެ. އަދި އެ ފިލްމު ތިއޭޓަރުގައި ބައްލަވަން ބޭނުންވާ ފަރާތްތަކަށް ކުރު ފިލްމެއްގެ ގޮތުގައި ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ނިންމައިފައެވެ.

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު އާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަސް އަންނަނީ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންނެވެ.