26 Aug 2014, 21:48
އިސްރާއީލުގެ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގި ހެލްޕް ގާޒާ ޓެލެތޯން ފަންޑަށް ރާއްޖޭގެ ސްކޫލްތަކުން ހަދިޔާކުރި ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ފަންޑަށް ޖަމާކޮށްފި އެވެ.
ޓީވީއެމްގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ރަސްމީޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ތައުލީމީ ދާއިރާއިން ހަދިޔާ ކުރި 4096706.33 ( ހަތަރު މިލިއަން ނުވަދިހަ ހަ ހާސް ހަތް ސަތޭކަ ހަ ރުފިޔާ ތިރީސް ތިން ލާރި)ގެ ރަމްޒީ ޗެކް ޓެލެތޯން ފަންޑު ހަރަކާތް ހިންގި ސްޓިއަރިއަން ކޮމެޓީއާ ހަވާލު ކުރައްވާފަ އެވެ. މިއީ ޓެލެތޯން ފަންޑަށް އެންމެ ގިނަ ފައިސާ ހަދިޔާކުރި ދާއިރާ އެވެ.
އެ ރަސްމިޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އެންމެ ގިނަ ފައިސާ ތައުލީމީ ދާއިރާއިން ހަދިޔާ ކުރެވުނީ އެ ދާއިރާގައި މަސައްކަތްކުރާ މީހުން ގިނަ ވުމުން ނޫން ކަމަށާއި އެއީ އެއްބައިވަންތަ ކަމުގެ ނަތީޖާ ކަމަށެވެ.
" ތައުލީމީ ދާއިރާ ވެގެންދަނީ މި ހެލްޕް ގާޒާ ޓެލެތޯން ފަންޑަށް ފައިސާ ހަދިޔާކުރި ދާއިރާތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ހަދިޔާކުރި ދާއިރާއަށް. މި ކާމިޔާބީ ހާސިލްވި ހަމަ އެކަނި ސަބަބަކީ ތައުލީމީ ދާއިރާގައި ގިނަ މީހުން މަސައްކަތްކުރާތީއެއްނޫން. މި ކާމިޔާބީ ހާސިލްވީ އަޅުގަނޑުމެން އެންމެން އެއް އަޒުމެއްގައި އެއް އަމާޒަކަށް އެއް މަގުސަދެއް ހާސިލް ކުރުމަށް މަސައްކަތް ކުރުމުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ހެލްޕް ގަޒާ ޓެލެތޯނުގައި ތައުލީމީ ދާއިރާއަށް ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ އެކަމާއި އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ހަރަކާތުގެ ތެރެއިން ދިވެހިންގެ ހިތްތަކުގެ ތަނަވަސްކަން ފެނިގެން ހިނގައްޖެ ކަމުގައި އެކަމަނާ ވިދާޅުވި އެވެ.
" ވަރަށް ތުއްތު ކުދިން އެކުދިން އެއްކުރި ވަކިލާރި ކޮޅު ފަންޑުފޮއްޓަށް ލަމުން ގެންދިޔައީ ހިނިތުންވުމާއެކު. އިންޓަވަލްއަށް ގެނައި ލާރި އިންޓަވަލް ނުބޮއި ފަންޑުފޮއްޓަށް ލަމުން ގެންދިޔަ މަންޒަރު އަޅުގަނޑުމެން ދުށިން. މި ކަހަލަ ކަންކަމުން ފެނިގެންދަނީ ދިވެހިންގެ ހިތްތަކުގެ ތަނަވަސްކަން. އެހެން މީހުނަށް އެހީވުމަށް ދިވެހިން ފަސް ނުޖެހޭ ސަގާފަތް، " މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ގާޒާ ޓެލެތޯނުގައި ދިވެހިން ބައިވެރިވީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެންކަން ފާހަގަ ކުރައްވައި، އެކަމަނާ ވަނީ މީޑިޔާތަކުން ކުރި މަސައްކަތަށް ތައުރީފް ކުރައްވައި ޝުކުރު އަދާ ކުރައްވާފަ އެވެ.
މި ރަސްމިޔާތުގައި ޓެލެތޯން ހަރަކާތުގެ ސްޓިއަރިން ކޮމެޓީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ތައުލީމީ ދާއިރާއިން ހަވާލުކުރި ފައިސާގެ ރަމްޒީ ޗެކް މިއަދު ހަވާލުކުރި ނަމަވެސް އެ ފައިސާ ވަނީ އެކައުންޓަށް ޖަމާކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދިމާވާ ކޮންމެ ދަތި ކަމެއްގައި ހުރިހާ މީޑިޔާތަކުން " އަތުކުރި އޮޅާލައިގެން ނިކުންނާނެ" ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ދިވެހި މީޑިއާ އިން އިސްނަގައިގެން މި މަހު 8 އަދި 9 ވަނަ ދުވަހު ބޭއްވި ޓެލެތޯނުން އެއްކުރި 22.7 މިލިއަން ރުފިޔާ އާއި ގާޒާ ފަންޑް މޯލްޑިވްސް އިން އެކުރި 6.3 މިލިއަން ރުފިޔާ އާ އެކު އެ ފަންޑަށް ޖުމްލަ 29 މިލިއަން ރުފިޔާ (1.88 މިލިއަން ޑޮލަރު) ވަނީ ލިބިފަ އެވެ.