26 Aug 2014, 21:19
"މަޓާމޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2014" ގެ އޮޑިޓް ފާމަކަށް "އޭއެޗް އެންޑް އެސޯސިއޭޓްސް" ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިއަދު ހަވީރު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި އެ އެއްބަސްވުމުގައި އޭއެޗް އެންޑް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުހައްމަދު އެވެ. އެ އިވެންޓް އޯގަނައިޒްކުރާ ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިސްމާއިލް ހަމީދު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫނާތު ދެއްވަމުން ހައިރައިޒްގެ ޑިރެކްޓަރު އިސްމާއިލް ވިދާޅުވީ މިފަދަ އެވޯޑަކަށް އޮޑިޓް ފާމެއް ހަމަޖެހިގެން ދިއުމަކީ މި ރާއްޖެއަށް ވެސް އަދި މި ސަރަހައްދަށް ވެސް މުޅިން އާ ކަމެއް ކަމަށެވެ. އަދި އެ އޮޑިޓް ފާމާ ގުޅިގެން އެ އެވޯޑް ދެފުށް ފެނުމަށް ފުރުސަތު ބޮޑުވެގެންދާނެ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.
"އެވޯޑަކަށް އޮޑިޓް ފާމެއް ހަމަޖެއްސުމަކީ މި ރީޖަނަށް ބަލާއިރު ވެސް މުޅިން އާކަމެއް، އެހެން ކަމުން މިއީ އެހެން ފަރާތްތަކަށް ދެވޭ ރޯލް މޮޑެލްއެއް،" އިސްމާއިލް ވިދާޅުވި އެވެ.
އޮޑިޓް ފާމްގެ މެނޭޖިން ޑިރެކްޓަރު ހަސަން ވިދާޅުވީ، އެ އެއްބަސްވުމާ ގުޅިގެން މުޅި އެވޯޑްގައި ކަން ހިނގަމުންދާގޮތް އެ އޮޑިޓް ފާމުން އޮޑިޓް ކުރާނެ ކަމަށެވެ. އެގޮތުން ފަނޑިޔާރުން މާކްސް ދޭ އުސޫލްތަކާއި އެހެނިހެން ކްރައިޓޭރިއާތައް ވެސް ރަނގަޅަށް ބަލައި ހަރުދަނާ ކުރެވިގެންދާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
"މި އޮޑިޓްގައި ރާއްޖޭގެ ބޭފުޅުންގެ އިތުރުން އިންޓަނޭޝަނަލް ފަރާތްތަކުންވެސް ބައިވެރިވޭ،" ހަސަން ވިދާޅުވި އެވެ.
މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، މިއަހަރުގެ އެވޯޑަށް ވެސް ބޮޑު ތަރުހީބެއް ލިބިމުންދާ ކަމަށާއި އެގޮތުން އެ އެވޯޑަށް އޮންލައިންކޮށް ވޯޓްލާ ފަރާތްތަކުގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އެވޯޑްތަކަށް އާ ކަންތައްތަކެއް ތައާރަފްކުރެވިގެން ދާނެކަމަށް އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ އިތުރަށް ވިދާޅުވީ އެ އިވެންޓަށް ބޮޑު ތަރުހީބެއް ލިބިމުންދާކަމަށާއި އެގޮތުން އޭޝިއަން ޖިއޮގްރެފިކް މެގަޒިން އާއި ލަންކާގެ ބައެއް ނޫސްތަކުން ވެސް އެ އިވެންޓް ކަވަރުކުރާނެ ކަމަށެވެ.