ދިވެހިރާއްޖޭގެ ޖަލުތަކާއި ޕްރޯލްގެ ގާނޫނުގެ ދަށުން ހަދަންޖެހޭ 24 ގަވައިދެއް ހޯމް މިނިސްޓްރީން ހަދާފައިވަނީ އެ ގާނޫނުގައިވާ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ވަނީ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ހޯމް މިނިސްޓްރީން ހަދަން ޖެހޭ ގަވައިދުތައް ހަދާފައިނުވާތީ އެކަމާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފަ އެވެ.

އުޝާމް ވިދާޅުވީ، ހޯމް މިނިސްޓްރީން ފޮނުވާފައިވާ ހުރިހާ ގަވައިދަކަށް ލަފާ އަރުވާފައި އަދި ނުވާނެ ކަމަށާއި މިހާތަނަށް ބަލައި ނިންމުމަށްފަހު ލަފާ އަރުވާފައި ވަނީ 28 ގަވައިދަކަށް ކަމަށެވެ. އަދި ނުނިމިހުރި ގަވައިދުތައް ހަފްތާއެއްގެ ތެރޭގައި ބެލުމަށްފަހު ލަފާ އަރުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ އޮފީހުގެ ލަފާ އެރުވުމުގައި ލަސްވެފައިވަނީ ގަވައިދުތައް ލިބުން ވެސް ލަސްވެފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"23 މާޗް 2014 ގެ ކުރިން ގަވައިދުތައް ހަދަން ޖެހުނު ކަމުގައިި ވީ ނަމަވެސް އެޓާނީ ޖެނެރަލް އޮފީހަށް ގަވައިދުތައް ލިބިފައި މިވަނީ 15 އޭޕްރިލް 2014 ގައި. ޖުމުލަ 31 ގަވައިދެއް. އަޅުގަނޑުމެން މި ދައްކަނީ ދެ ރީމް ކަރުދާހުގެ ވާހަކަ. އޭގެ ތެރެއިން ޖުމަލް 28 ގަވައިދަކަށް އަޅުގަނޑުމެންގެ އޮޕީނިއަން ދިނުމަށްފަހު ވަނީ ފޮނުވާލާފައި. ހަތަރު ގަވައިދެއް އަދިވެސް އެބަ އޮތް،" އުޝާމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާސްކޮށްފައިވާ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން 24 ގަވައިދެއް ހަދަން ޖެހުނު ނަމަވެސް ހޯމް މިނިސްޓްރީން 32 ގައިވައިދެއް ފޮނުވާފައި ވާކަމަށް އުޝާމް ވިދާޅުވި އެވެ.

" ގާނޫނުގައި ބުނެފައިވާ 24 ގަވައިދުގެ އިތުރުންވެސް ހޯމް މިނިސްޓްރީން އަޅުގަނޑުމެން އޮފީހަށް 32 ގަވައިދެއް އޮތީ ލިބިފައި މި ގާނޫނުގެ ދަށުން. އެއީ އަޅުގަނޑުމެނަށް ލިބިފައި އޮތް އަދަދު. ދެން އަޅުގަނޑުމެނަކަށް ނޭނގެ ކީއްވެ ކަމެއް އެ ބޭފުޅުން [ ހޯމް މިނިސްޓްރީން ] 24 ގަވައިދެއް ހެދި ކަމަށް ވިދާޅުވަނީ،" އޭނާ ވިދާޅުވި އެވެ.

ނިދިޔަ އަހަރުގެ ޑިސެމްބަރު އަމަލު ކުރަން ފަށާފައިވާ ޖަލުތަކާއި ޕްރޯލްގެ ގާނޫނުގެ 144 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަސް ތެރޭގައި އެ ގާނޫނުގައި ބުނެފައިވާ 24 ގަވައިދެއް ހަދަން ޖެހޭނެ ކަމަށެވެ. ޖަލުތަކުގެ ބައެއް ގައިދީން ވަނީ އެމީހުނަށް ލިބެން ޖެހޭ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ ގައުމީ ސަލާމަތު ކޮމެޓީއަށް މައްސަލައެއް ފޮނުވާފަ އެވެ.