26 Aug 2014, 17:09
ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 36 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ، ހާއްސަަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 14 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި އެ މައްސަލަ ހާއްސަ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޖިންސީ ގޯނާ ކުރާ މައްސަލަތައް މިހާރަކަށް އައިސް އިތުރުވެފައިވާއިރު، މިދިޔަ މެއި މަހުގެ ތެރޭގައި އަޑު އެހުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ އުމުން 14 އަހަރުގެ ކުއްޖަކާ "ބެހުނު"، އެ ކުއްޖާގެ ބޭބެއެއްވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން، މިދިޔަ އާދީއްތަ ދުވަހު މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބަނގްލަދޭޝް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.