ރައްކާތެރިގޮތުގައި ކުނި މެނޭޖް ކުރުމުގެ ބޭނުމުގައި ރާއްޖޭގެ 50 ރަށަކަށް ކުނި މެނޭޖު ކުރާ އިކުއިޕްމަންޓްތައް މިއަދު ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަކެތި ރަށް ރަށަށް ފޯރުކޮށްދިނުމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމެވެ. ވިންލޭންޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިސްމާއިލް ރިޝްވާނެވެ.

އެ ކޮންޓްރެކްޓްގެ ދަށުން ރަށްރަށަށް ފޯރުކޮށްދޭ ކުނި މެނޭޖް ކުރާ ވަސީލަތްތަށް އެ ރަށްތަކަށް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯއިގު އިބްރާހީމެވެ. އަދި ރަށްރަށުގެ ފަރާތުން އެ ވަސީލަތްތަކާ ހަވާލުވެވަޑައިގަތީ އެ ރަށްރަށުގެ ކައުންސިލްގެ އިސް ވެރިންނެވެ.

އެގޮތުން އުތުރު ސަރަހައްދުގެ ހަތަރު އަތޮޅުގެ 45 ރަށަކާއި އއ. އަތޮޅު އދ. ގެ ފަސް ރަށަކަށް މިއަދު ވަނީ އެ ވަސީލަތްތައް ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ނ. އަތޮޅުގެ 13 ރަށަކާއި ބ. އަތޮޅުގެ 13 ރަށަކާއި ރ. އަތޮޅުގެ 15 ރަށަކާއި ޅ. އަތޮޅުގެ ހަތަރު ރަށެއްގެ އިތުރުން އއ. ތޮއްޑޫ އާއި އެ އަތޮޅު އުކުޅަހާއި އދ. ފެން ފުށްޓާއި އެ އަތޮޅު ދިގުރަށް އަދި ދަނގެތި ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓާއި އަރިއެޓޯލް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން މިއަދު ފޯރުކޮށްދިން އިކުއިޕްމަންޓްތަކަށް ވެސް ޖުމްލަ 8،000،000 (އަށް މިލިއަން) ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ދަށުން އެ ރަށްރަށަށް ފޯރުކޮށް ދެވޭ ތަކެތީގެ ސަބަބުން އެ ރަށްރަށުގެ ކުނި މެނޭޖްކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އައްޑު އަތޮޅާއި ފުވައްމުލަކުގެ ކުނި މެނޭޖްކުރުމުގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.