ކުރިން މާލޭގައި ހިންގަމުން އައި "މައި ކްލިނިކް" ސްރީލަންކާގެ ޑާޑަންސް ހޮސްޕިޓަލްގެ ދަށަށް ބަދަލުކޮށް، އާ މެނޭޖްމަންޓެއްގެ ދަށުން އެ ކްލިނިކް އަލުން ހުޅުވައިފި އެވެ.

މައި ކްލިނިކްގެ ހިންގުން ސްރީލަންކާގެ ޑާޑަންސް ހޮސްޕިޓަލްގެ ދަށުން ބަދަލުކޮށް، މިއަދު އެކްލިނިކް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކްލިނިކް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދި އެވެ.

ސްރީލަންކާގެ ޑާޑަންސް ހޮސްޕިޓަލާ އެކު މައި ކްލިނިކުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކްލިނިކް ހިނގުމަށް ހަމަޖައްސާފައި ވަނީ އެ ހޮސްޕިޓަލްގެ ރިފަރަލް ސެންޓަރެއްގެ ގޮތުގަ އެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި މައި ކްލިނިކްގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ އެ ކްލިނިކް މިއަދު ހުޅުވިގެން ދިޔަ ނަމަވެސް އަންނަ މަހު އެ ކްލިނިކަށް މީހުން ގެނެވެންދެން އެ ކްލިނިކް ހިނގަމުންދާނީ ސިއްހީ މައުލޫމާތުދޭ ސެންޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަދުން ފެށިގެން ޑާޑަންސް ހޮސްޕިޓަލުގައި ދޭ ހިދުމަތްތަކާއި އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ލަންކާއަށް ދާ ފަރާތްތަކަށް އެޕޮއިންމަންޓް ހަދައިދިނުމުގައި އެ ކްލިނިކްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައި ކްލިނިކާއެކު ޑާޑަންސް ހޮސްޕިޓަލުން ވެފައިވާ އެއްބަސްވުމުގެ ދަށުން ޑާޑަންސް ހޮސްޕިޓަލްގެ ސްޕެޝަލިސްޓުން މައި ކްލިނިކްގައި ވިސިޓިން ޑޮކްޓަރުންގެ ގޮތުގައި ބައްލަވާނެ އެވެ. އަދި އެ ކްލިނިކްގެ މުވައްޒަފުން ބިނާ ކުރުމަށް ވެސް އެ ހޮސްޕިޓަލުން އެހީތެރިވެދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މައި ކްލިނިކުން ބުނީ އަންނަ މަހު އެ ކްލިނިކްގައި ބަލި މީހުން ބަލަން ފަށާއިރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ދަތުގެ ފަރުވާއާ ބެހޭ ހާއްސަ ޑޮކްޓަރުން ތިބޭނެ ކަމަށް ވެސް އެ ކްލިނިކުން ބުންޏެވެ.