ހަތަރު އަހަރުގެ ކުދިންނަށް ވެސް ސައިކަލާ ބެހޭ މައުލޫމާތު ދެވިއްޖެ ނަމަ އެކުދިންގެ ތައުލީމަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް ޝީޝާއިން ބުނެފި އެވެ.

ސައިކަލާ ގުޅޭ ތަފާތު އެކިއެކި މައުލޫމާތުތައް ހޯދުމަށް ޝީޝާ ޝޯރޫމަށް ކެންގަރޫ ކިޑްސް ޕްރީސްކޫލްގެ ދަރިވަރުން ބުދަ ދުވަހު ކުރި ޒިޔާރަތްކުރުމުން، ޝީޝާގެ ސީއީއޯ އިބްރާހިމް ހުޝާމް ވިދާޅުވީ ހަތަރު އަހަރުގެ ކުއްޖަކަށް ވިޔަސް އެ ކުދިންގެ އުމުރާ ގުޅުން ހުރި މިންވަރަކަށް ސައިކަލާ ބެހޭ ތަފާތު މައުލޫމާތުތައް ދިނުމުން އޭގެ ފައިދާ އެ ކުދިންގެ ތައުލީމަށް ކުރާނެކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

"ސައިކަލަކީ ކުދިންނަށް ކޮންމެ ދުވަހަކު ވެސް ފެންނާނެ އެއްޗެއް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކެރިއާއެއްގެ ގޮތުގައި ބަލައިފިއްޔާ ސޭލްސްމަނުންގެ ލެވެލް އިން ފެށިގެން މެކޭނިކުން ކަހަލަ ލެވެލް ތަކަށް ކުރިއަރާ ދެވިދާނެ އެއްޗެއް. މިއީ މިހާބޮޑު ވަސީލަތަކަށް ވީމަ މި ދާއިރާގެ މައުލޫމާތު ހަތަރު އަހަރުގެ ކުއްޖަކަށް ވިޔަސް ފޯރުކޮށްދެވިއްޖެނަމަ އެއިގެ ފައިދާ އެކުދިންގެ ތައުލީމަށް ކުރާނެކަމަށް ގަބޫލުކުރަން،" ހުޝާމް ވިދާޅުވި އެވެ.

ކެންގަރޫކިޑްސްގެ ހުރިހާ ދަރިވަރުން ގަލޮޅު ދަނޑު ކައިރީ ހުންނަ ޝީޝާ ޝޯރޫމަށް ގެންގޮސް ވަނީ އެ ކުދިންގެ އުމުރާގުޅޭ މިންވަރަށް ސައިލަކާ ބެހޭ ތަފާތު މައުލޫމާތުތަށްދީފަ އެވެ. ސީޝާއަށް ކުދިން ގެންދިޔައީ ހަތަރު ސެޝަނަކަށް ބަހާލައިގެންނެވެ.

މިހާރު އެ ކުދިންނަށް ކިޔަވައިދެމުންދާ ތީމް އަކީ "ޓްރާންސްޕޯޓް" ކަމަށް ވުމުން އެ ކުދިން މީގެ ކުރިން ޕެޓްރޯލް ޝެޑަކަށް ގެންދަން ނިންމާފައިވީ ނަމަވެސް އެއީ ކުދިންނަށް އެހާ ރައްކާތެރި މާހައުލަކަށް ނުވާނެ ކަމަށް ބެލެވޭތީ ޝީޝާ އިން އިސްނަގައިގެން އެ ފިހާރައަށް ކުދިން ގެނައީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝީޝާ އިން ބުނީ އެފަދަ ހަރަކާތްތަށް ހިންގުމަކީ ޝީޝާ އިން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި ކުރިއަށް އޮތް ތާގައި ވެސް އެފަދަ އިވެންޓްތަށް ކުރިއަށް ގެންދާނެ ކަމަށެވެ.