ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރަމުން ދިޔަ، އެރަށު ސީވިއު، ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) މަރާލި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިޔަ އިރު ތުހުމަތު ކުރެވޭ މީހުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ފުލުހުން ފޯރުކޮށްދީފައި ނުވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވެއްޖެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ހޯރަފުށީ ސޯސަންވިލާ ނުއުމާން އަބްދުﷲ ގެ ވަކީލު ވިދާޅުވީ ކުށެއްގެ ތަހުގީގު މަރުހަލާގައި ފުލުހުން ނުއުމާނަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އަދި ފުލުހުން މަސައްކަތް ކޮށްފައި ވަނީ ނުއުމާނަށް މަޖުބޫރުކޮށްގެން އޭނަލައްވައި ކުށަށް އިއުތިރާފުކުރުވަން ކަމަށާއި ތަހުގީގުގައި ނަގާފައިވާ ވީޑިއޯ ފްޓޭޖްތަކުން އެކަން އެނގިގެންދާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ނުއުމާންގެ ވަކީލުގެ ވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހުސޭނުބޭގެ މަރަށްފަހު ހޯރަފުށީގެ ހާލަތު ހުރިގޮތުން އެރަށަށް އެރުމަށް އޭނާގެ ވަކީލު ބޭނުންވި ކަމަށާއި އެވާހަކަތައް ނުއުމާނަށް ކިޔައިދިނުމުން ވަކީލަކާ ނުލައި ތަހުގީގު ކުރިއަށްގެންދަން އޭނާ އެއްބަސްވި ކަމަށެވެ.

ދައުވާ ލިބޭ ތިން މީހުންގެ ތެރެއިން ހޯރަފުށީ އުންމީދީ މަންޒިލް އަހްމަދު އިބްރާހީމްގެ ވަކީލު ވެސް ވިދާޅުވީ ތަހުގީގު މަރުހަލާގައި ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ފުލުހުން އަހުމަދު އިބްރާހީމަށް ދީފައިނުވާ ކަމަށެވެ. އަދި ހަނުހުންނަން ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ ހޯރަފުށީ ޅޮހީގޭ މުހައްމަދު ލަތީފް ވަކީލަކު ހަމަޖައްސާފައެއް ނުވެއެވެ. މުހައްމަދު ލަތީފް ބުނީ ތަހުގީގު މަރުހަލާގައި އޭނާގެ ބަޔާން ނަގާފައި ވަނީ އޭނާ ހަނުހުއްޓައި އޮޅުވާލައިގެން ގަދަކަމުން ކަމަށެވެ.

ގާޒީ އަބްދުލްބާރީ ޔޫސުފް މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ މައްސަލައިގައި ހިމެނޭ ފޮރެންސިކް ހެކިތައް ތަހުލީލު ކުރި ފުލުހުން ޝަރީއަތަށް ހާޒިރުކުރާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.

އެ އެންމެންގެ މައްޗަށް ވެސް ވައްކަމާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުސޭނުބޭގެ ގެއިން ވައްކަންކުރުމަށްފަހު، އޭނާ ރަހީނުކޮށް މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ހުސޭނުބޭ ދިރިއުޅޭ ގެއިން 100،000އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށް ދައުލަތުން އެމީހުންގެ މައްޗަށް ކުރި ދައުވާގައި ވެއެވެ.

އުމުރުން 76 އަހަރުގެ ހުސޭނުބޭ މަރާލާފައި އޮއްވާ ފެނުނީ އެރަށު ފަޅު ގޯއްޗެއްގެ ތެރެއަށް އެއްލާފައި ވަނިކޮށެވެ.