26 Aug 2014, 16:31
އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިސިސް)ގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތުން ބޭނުން ކުރަމުން އަންނަ، ޝަހާދަތުގެ ދެކަލިމަ ވަކި ފޮންޓަކުން ލިޔެފައިވާ ދިދަ ރާއްޖޭގައި ބޭނުން ކުރަމުން ދާއިރު ސަރުކާރުން ފިޔަވަޅެއް ނާޅާތީ އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ތާރީހީ ލިއުންތަކުން ފެންނަން ހުރި ގޮތުގައި އައިއެސް އިން ވެސް އަދި ބައެއް އެހެނިހެން ޖަމާއަތްތަކުން ވެސް ބޭނުން ކުރަމުން އަންނަ ޝަހާދަތުގެ ދެކަލިމަ (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިއްކަފުޅު ހިމެނޭ ގޮތަށް) ލިޔެފައިވާ ކަޅު ދިދައަކީ ޢައްބާސީ ދައުލަތުގެ ދުވަސްވަރު ބޭނުންކުރަން ފެށި ދިދައެކެވެ. އަދި އޭގެ ފަހުން އެކި ދުވަސްވަރު މުސްލިމުން އެ މީހުންނަކީ މުސްލިމުން ކަން ހާމަކުރުމަށް ވެސް އެ ދިދަ ބޭނުން ކޮށްފައިވެ އެވެ.
އައިސިސްގެ ހަރަކާތްތަކަށް ރާއްޖޭގައި ޖާގަ ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވުމުން އެވާހަކަފުޅަށް ރައްދު ދިނުމަށް އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައިއެސް އިން ދީނީ ގޮތުން ނިވާ ފަތްގަނޑަކަށް ބޭނުންކުރާ، ޝަހާދަތުގެ ދެކަލިމަ ވަކި ގޮތަކަށް ލިޔެފައިވާ ދިދަ މުޒާހަރާތަކުގައި ބޭނުން ކުރަމުން ދާއިރު އިސްލާމިކް މިނިސްޓްރީން ފިޔަވަޅެއް ނާޅާ ކަމަށެވެ.
"... އަދި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި މިހާރު މަޝްހޫރުވެ، ޙަރަކާތްތެރިވަމުންދާ ހައްދުފަހަނަ އަޅާފައިވާ ޖަމާޢަތުގެ ހައްދުފަހަނާޅާފައިވާ ޙަރަކާތްތައް ހިންގުމުގައި އެމީހުން ދީނީ ގޮތުން ނިވާފަތްގަނޑަކަށް ބޭނުންކުރާ، ޝަހާދަތުގެ ދެކަލިމަ ވަކި ފޮންޓަކުން ލިޔެފައި އޮންނަ ލޯގޯ ނުވަތަ ދިދަ، ހަމަ މިދުވަސްވަރާ ދިމާކޮށް ރާއްޖޭގައި ވެސް ބައެއް ފަރާތްތަކުން މުޒާހަރާ ކުރުމުގައި ބޭނުން ކުރަމުންދާ އިރު ވެސް އިސްލާމިކް މިނިސްޓަރާއި އަދި މި ސަރުކާރުން އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާކަން ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އައިއެސް އިން އާއްމުކޮށް ބޭނުން ކުރަމުން އަންނަ ލޯގޯ ޖެހި ބެނާތައް ދަމައިގެން އިސްލާމި މަރުކަޒުގައި ދަރުސް ބޭއްވުމުގެ ފުރުސަތު ވެސް ސަރުކާރުން ދީފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"...ހަމަ އެފަދައިން އިސްލާމިކް ސްޓޭޓް [އައިއެސް] އިން މިދެންނެވި ލޯގޯ ޖެހި ދިދަ ނިވާފަތްގަނޑަކަށް ހަދައިގެން ހައްދުފަހަނާޅާފައިވާ އަމަލުތައް ހިންގަމުންދާ ކަން މަޝްހޫރުވެފައި ވަނިކޮށް، ހަމަ މިދުވަސްވަރާ ދިމާކޮށް އެ ލޯގޯ ޖެހި ބެނާތައް ދަމައި، އިސްތިހާރުކޮށްގެން ދީނީ ދަރުސު ބޭއްވުމަށްޓަކައި، މަގުސަދު ނުބައްލަވައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމް، އިސްލާމިކް މިނިސްޓްރީން ދޫކޮށް، އިންތިޒާމުކޮށްދެއްވާފައިވާކަން ފާހަގަކުރަމެވެ. އަދި މި ބެނާތައް ދެމުމުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް ފަރާތްތައް ޙަރަކާތްތެރިވިކަން އެނގިފައިވެ އެވެ." ބަޔާނުގައި ވެއެވެ.
އައިއެސްގެ މައްސަލައިގައި ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅާ ހިލާފަށް އެމަނިކުފާނާއި އެމަނިކުފާނު ނިސްބަތްވާ ސަރުކާރުން އަމަލުކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ބަޔާނުގައި ތުހުމަތުކޮށްފައި ވެއެވެ. އައިއެސް އިން ބޭނުންކުރާ ދިދަ ރާއްޖޭގައި ބޭނުންކުރާ އިރު ފިޔަވަޅު ނާޅާ ކަން ފާހަގަކޮށްފައި ވަނީ އެފަދަ ކަމެއްގެ ގޮތުގަ އެވެ.
"...އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިއާ [އައިސިސް]ގެ ނަމުގައި ޙަރަކާތްތެރިވާ ހައްދުފަހަނާޅާފައިވާ މީހުންގެ ފިކުރާ ޙަރަކާތްތަކަށް ދިވެހިރާއްޖޭގައި އެއްވެސް ޖާގައެއް ނުދެއްވާނޭ ކަމަށް އިސްލާމިކް މިނިސްޓަރ ޝެއިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ނަމަވެސް އެ ވާހަކަފުޅާ ޚިލާފަށް އެމަނިކުފާނާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މިހާރު މިއޮތް ސަރުކާރުން ދެފުއް ދެގޮތް ސިފަތައް ދައްކަވަމުން ގެންދަވާތީ، އެކަން އެމްޑީޕީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ދާދި ފަހުން އެމެރިކާގެ ނިއުޖާޒީގެ ގެއެއްގައި އެ ދިދަ ނަގާފައި ހުއްޓައި ފެނިގެން ގޭގެ ވެރިމީހާއާ އާ ސަރުކާރުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އެ ދިދަ އޭނާ ނެގީ އޭނާގެ އަގީދާގެ ރަމްޒެއްގެ ގޮތުން ކަމަށެވެ. އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެހެން ބުނުމަށް ފަހު ނިއުޖާޒީގެ އެ މީހާ ވަނީ އެ ދިދަ ތިރިކޮށްފަ އެވެ.