އިސްރާއީލުގެ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތަކުން ހިންގި ޓެލެތޯންގައި ލިބުނު ފައިސާއާއި ގާޒާ ފަންޑް މޯލްޑިވްސް އަށް ލިބުނު ފައިސާއާ ހަވާލުވެވަޑައިގެންނެވުމަށް ގަތަރު ރެޑްކްރެސެންޓްގެ ރައީސް ޑރ. މުހައްމަދު ބިން ޣާނިމް އަލް މާދީދް މިއަދު ރާއްޖެ އަށް ވަޑައިގެންފި އެވެ.

ހެލްޕްގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އިޒުރޭލުގެ އުދުވާނުގެ ސަބަބުން ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް ދިވެހި މީޑިއާ އިން އިސްނަގައިގެން މި މަހު 8 އަދި 9 ވަނަ ދުވަހު ބޭއްވި ޓެލެތޯނުން އެއްކުރި 22.7 މިލިއަން ރުފިޔާ އާއި ގާޒާ ފަންޑް މޯލްޑިވްސް އިން އެކުރި 6.3 މިލިއަން ރުފިޔާ އާ އެކު ޖުމްލަ 29 މިލިއަން ރުފިޔާ (1.88 މިލިއަން ޑޮލަރު) ގަތަރުގެ ރެޑް ކްރެސެންޓާ ހަވާލު ކުރުމަށް އެ ޖަމާއަތުގެ ރައީސް ޑރ. މުހައްމަދު ބިން ޣާނިމް އަލް މާދީދް މިއަދު މާލެ ވަޑައިގެންފި" ކަމަށެވެ.

އަދި ބުނެފައި ވަނީ ގަތަރު ރެޑް ކްރެސެންޓާ ފައިސާ ހަވާލުކުރުމުގެ އިންތިޒާމް މާދަމާ ނުވަތަ މާދަމާރޭ ހަމަޖެއްސޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ބުނެފައި ވަނީ ގަތަރު ރެޑް ކުރެސެންޓާ ހަވާލުކުރާ ފައިސާ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ނޫނީ ހަރަދު ނުކުރާނެ ކަމަށާއި އެފައިސާ ހަރަދުކޮށްގެން އެހީތެރިވާނީ އެއީ ދިވެހިރާއްޖެ އިން ހަދިޔާކުރި ފައިސާކަން އެނގޭ ގޮތަށް ކަމަށެވެ.

"... އެ ފައިސާ އިން ހަރަދު ކުރުމަށް ތިން ފަރާތުން އެއްބަސްވާ ގޮތަކީ ގާޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސާފު ބޯފެން ފޯރުކޮށް ދިނުމާއި ބޭސް ފަރުވާ އާއި ކާބޯ ތަކެތި ފޯރުކޮށް ދިނުމަށެވެ. އަދި އެ ފައިސާ އިން ގާޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ނޫން ބަޔަކަށް ހަރަދު ނުކުރެވޭނެ ކަމަށާއި އެއީ ދިވެހި ރައްޔިތުން ގާޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ހަދިޔާ ކުރި އެއްޗެއްކަން އެނގޭ ގޮތަށް ދިވެހި ދިދަ ނޫނީ ދިވެހި ދައުލަތުގެ ނިޝާން، އެ ފައިސާ އިން ގަންނަ ތަކެތީގައި ޖަހަން ޖެހޭނެ ކަމަށް ވެސް ދެ ފަރާތުން އެއްބަސްވާން ޖެހެ އެވެ،" ބަޔާނުގައިވެ އެވެ.