މިނިވަން ނޫހުގެ ނޫސްވެރިޔާ މ. ޝައިނިން ސްޓާ، އަޙްމަދު ރިޟްވާން ހޯދައި ނުފެނިފައި ވާތީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފި އެވެ.

އުމަރާއި ހުސައިން ވަހީދު ކޮމެޓީއަށް ހާޒިރު ކުރަން ފާސްކުރީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ތާއިދު ކުރެއްވި ހުށަހެޅުމަށް ކޮމެޓީގެ އިއްތިފާގުންނެވެ.

ކޮމެޓީގެ އިއްތިފާގުން ނިންމާފައި ވަނީ އެ ބޭފުޅުން ހާޒިރު ކުރާ ބައްދަލުވުން ސިއްރު ކުރުމަށެވެ. މަޖިލީހުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކުރުމުން ކޮމެޓީގެ މެމްބަރުން ފިޔަވައި މަޖިލީހުގެ އެހެން މެމްބަރުންނަކަށް ކޮމެޓީއަކަށް ނުވަދެވޭނެ އެވެ. އަދި ނޫސްވެރިންނާއި އާންމުންނަށް ވެސް ކޮމެޓީ ބައްދަލުވުން އަޑުއަހަން މަޖިލީހަށް ވެސް ނުވަދެވޭނެ އެވެ.