26 Aug 2014, 15:23
މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުރުމުގެ ނުރައްކާ ރާއްޖޭގައި ކުޑަކަމަށް މަރުކަޒީ ބެންކް، މޯލްޑިވުސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.
މަނީ ލޯންޑްރިން ނުވަތަ ފައިސާގެ ވަގު ވިޔަފާރިއަކީ ނަހަމަ ގޮތުގައި ހޯދާ ފައިސާ ބޭނުން ކުރުމެވެ. ނުވަތަ ސައްހަ ނޫން ފައިސާ ނުވަތަ ވަގަށް ހޯދާފައިވާ ފައިސާ އަސްލު ފައިސާއަށް ބަދަލު ކުރުމަށް ހިންގާ އެކިއެކި ޖަރީމާތަކެވެ. ފައިސާ އިން ކުރާ ބޮޑެތި ވަގު ވިޔަފާރިތައް ނުވަތަ ފައިސާ ބޭނުންކޮށްގެން ހިންގާ ބޮޑެތި ޖަރީމާތަކަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ހިންގަމުން ދާ ކަންތައްތަކެކެވެ. ޓެރަރިޒަމް ފައިނޭންސަކީ ބޮޑެތި ކުށްތައް ކުރުމަށް ފައިސާ ފޯރުކޮށް ދިނުމަށެވެ.
ސަން އަށް ދެއްވީ ހާއްސަ އިންޓަވިއޫއެއްގައި އެސިސްޓެންޓް ގަވަރުނާ، ފައިނޭންޝިއަލް ސުޓެބިލިޓީ، ނީޒާ އިމާދު އިއްޔެ ވިދާޅުވީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުރުމުގެ ކަންކަން ރާއްޖޭގެ ފައިނޭންސް ސެކްޓާ މެދުވެރިކޮށް ހިނގާތޯ އެމްއެމްއޭއިން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށާއި އެފަދަ ކަންކަން އެ ދާއިރާ މެދުވެރިކޮށް ރާއްޖޭގައި ނުހިންގާ ކަމަށެވެ.
"މަނީ ލޯންޑްރިން ކަންތަކުގައި ވަރަށް ކުލީން އޭ އަޅުގަނޑު ދައްނަވާނީ، މި ދެއްނެވީ މަދު ފަހަރަކު ކަމެއް ނުވާ ވާހަކައެއް ނޫން، އެކަމެއް ހިނގާފިނަމަ އައިޑެންޓިފައި ވުމުން ބެންކް ތަކުން އަޅުގަނޑުމެންނަށް ރިޕޯޓް ކުރަމުންދަނީ،" ނީޒާ ވިދާޅުވި އެވެ.
ނީޒާ ވިދާޅުވީ ރާއްޖޭގެ ފައިނޭންސް ދާއިރާގައި ހިމެނޭ ބެންކް ތަކުން ދަނީ އެފަދަ ފައިސާގެ ޓުރާންސް ސެކްޝަންތައް ހަދަމުންދޭތޯ ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ ސަސްޕެކްޓެއްވާނަމަ ބެންކްތަކުން އެމްއެމްއޭއަށް އަންގަމުންދާ ކަމަށެވެ.
ނީޒާ ވިދާޅުވީ ބެންކުތައް އިތުރުން މަނީ ޓްރާންސްފާތައް މެދުވެރިކޮށް އެފަދަ ޓްރާންސް ސެކްޝަންތަކެއް ހިންގަމުންދޭތޯ ރެގިއުލޭޓް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އޮންސައިޓް ހަދަން މި ފަށަނީ، އެގޮތުން ހައްދަވާފައި ހުންނަ މަނީ ޓުރާންސްފާތައް ބަލަނީ، އެގޮތަށް ބަލާއިރު މަނީލޯންޑްރީން ސީދާސީދާކޮށް ނުބުނާ ކަހަލަ ބޮޑެތި ޓުރާންސްސެކްޝަންތައް ހަދާފައި ހުރިއްޔާ އެ ކަމަށް އިންކުރުކޮށް އެއްވެސް ބަލަން ފައްޓައިފިން އަޅުގަނޑުމެން،" ނީޒާ ވިދާޅުވި އެވެ.
ނީޒާ އިތުރަށް ވިދާޅުވީ އެފަދަ ޓުރާންސް ސެކްޝަންތަކެއް ހެދުމުގެ ފުރުސަތު ނުދިނުމަށްޓަކައި ފައިނޭންސް ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް އެމްއެމްއޭ އިން ކުރަމުންދާ ކަމަށެވެ.
އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓްގެ މެނޭޖާ އަބުދުﷲ އަޝްރަފް ވިދާޅުވީ އެމްއެމްއޭއިން ބަލަނީ ފައިނޭންސް ދާއިރާ މެދުވެރިކޮށް މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުރުމުގެ ކަމެއް ހިނގާތޯ ކަމަށާއި އެފަދަ ކަމެއް ހިނގާނަމަ ފުލުހުންނަށް ރިޕޯޓް ކުރަމުންދާ ކަމަށެވެ.
މަނީލޯންޑްރިން ގާނޫނަށް އަމަލު ކުރަން ފެށުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. އެ ގާނޫނު ބުނާ ގޮތުން މަނީލޯންޑްރިންނާއި ޓެރެރިޒަމަށް ކުރާ ފައިސާގެ މުއާމަލާތްތައް ބަލައި އެކަން ކުރާ ފަރާތްތަކާއި މެދު އެކަށިގެންވާ ފިޔަވަލު އެޅުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެ އެވެ.
އެ ގާނޫނުން ބުނާ ގޮތުން އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކަށް އެއްލައްކަ ރުފިޔާއާއި އެއްމިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާވާނެ އެވެ. އަދި ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ އެވެ.