26 Aug 2014, 15:03
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތުހުމަތުކުރެވޭ ބަދުއަހުލާގީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައިވާ މައްސަލަ އާ ގުޅިގެން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ގަރާރު ބަލައިގަންނަން ނުފެންނަ ކަަމަށް ވޯޓު ދެއްވާފައިވަނީ 52 މެންބަރުންނެވެ. އަދި ބަލައިގަންނަން ފެންނަ ކަމަށް 19 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މަޖިލީހުގެ ޖަލްސާއަށް ގަރާރު ހުށަހަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ވިދާޅުވީ ޖޭއެސްސީން އަލީ ހަމީދުގެ މައްސަލަ ނިންމިގޮތުން ޖުޑީޝަރީގެ އިސްލާހަށް އެދިއެދި ތިބި ރައްޔިތުންގެ އުންމީދުތައް ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި މައްސަލަ ނިންމިގޮތުގެ ސަބަބުން އެފަދަ ބޮޑު ތުހުމަތެއް ކުރެވުނު ކަމުގައި ވިޔަސް އެއީ މައްސަލައެއް ނޫންކަމަށް ބެލުމުގެ މިންގަނޑެއް ގާއިމްވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މައްސަލަ ޖޭއެސްސީން ނިންމިގޮތުން ގާއިމްކުރެވިގެން ދިޔަ އެ މިންގަނޑަކީ ކަސްބީ އަންހެނުންނާ އެކު ބަރަހަނާކޮށް ޖިންސީ ގުޅުން ހިންގުމުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައި ވީނަމަވެސް އަދި އެކަން ދައްކުވައިދޭ ވީޑިއޯއެއް އާންމުވެފައި ވީ ނަމަވެސް އަދި އެކަމަކީ ހަގީގަތެއް ކަމަށް އެންމެހައި ރައްޔިތުން ގަބޫލުކޮށްގެން ތިބިކަމުގައި ވީނަމަވެސް އެއީ މައްސަލައެއް ނޫން ކަމުގެ މިންގަނޑުކަން،" އިންތި ވިދާޅުވި އެވެ.
އަލީ ހަމީދުގެ މައްޗަށް ހުށަހެޅުނު މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.
އެ ކޮމިޝަންގެ ނިންމުމުގައި ވަނީ އަލީ ހަމީދު ހިލޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތުކޮށް ލީކުވެފައިވާ ވީޑިއޯ އިން ފެންނަނީ އޭނާކަން ރާއްޖޭގައި ފޮރިންސިކް މައްސަލަތައް އެނެލައިޒް ކުރުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ފަރާތް ކަމުގައިވާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރިންސިކް ސާވިސް ޑައިރެކްޓަރޭޓަރޭޓަށް ވެސް ކަށަވަރު ކޮށްދެވިފައިނުވާ ކަމަށެވެ.