17 Jan 2011, 14:30
މިދިޔަ ޑިސެމްބަރު މަހު 28ގައި ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރެއްވި ހަތަރު ބިލެއް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ. އެ ހަތަރު ބިލަކީ، ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިލާއި މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ބިލެވެ.
އެ ހަތަރު ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން އެ ހަތަރު ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ގެންނެވި ދެ ވަނަ އިޞްލާޙަކީ، އެޤާނޫނުގެ 23 ވަނަ މާއްދާގެ ފަހަތަށް 24 ވަނަ މާއްދާއެއް އިތުރުކުރައްވައި، ދެންހުރި މާއްދާތައް އަލުން ތަރުތީބު ކުރެއްވުމެވެ. ސައުވީސް ވަނަ މާއްދާއަކީ، ޝަރަފްވެރިކަމާ އެކު ވަކިވުމުން ދެވޭ އިމްތިޔާޒުތަކާއި ޢިނާޔަތްތައް ބަޔާންކޮށްފައިވާ މާއްދާ އެވެ.
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަކީ، އެ ޤާނޫނުގެ 119 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރެއްވުމެވެ. އެއީ، ކައުންސިލްގެ މެންބަރުން މަގާމުން ވަކިވާނެ ގޮތް ބަޔާންކުރާ މާއްދާ އެވެ. އެމާއްދާގެ (ބ) ގައި ވަނީ "ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން، އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވި ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުން." މިހެންނެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަކީ، ]ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ[ގެ ނަމުގައި ޔުނިވަރސިޓީއެއް އުފައްދައި، އެ ޔުނިވަރސިޓީގެ މަޤްޞަދުތަކާއި، މަސްއޫލިއްޔަތުތަކާއި، ބާރުތައް އެކަށައަޅައި، އެކަންކަމާ ގުޅޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ. މިޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި، "ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ"ގެ ނަމުގައި ޔުނިވަރސިޓީއެއް ޤާއިމް ކުރެވޭނެއެވެ. މިޤާނޫނު ފާސްކުރެވޭއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުން އައި، "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން"، މިޤާނޫނުގެ ދަށުން ޔުނިވަރސިޓީގެ ބަޔަކަށްވާނެއެވެ. އެހެން ނަމަވެސް، 5 އޭޕްރިލް 2010ން ފެށިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކުރެއްވި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އާއި، އެކުއްލިއްޔާގެ މަސައްކަތްތައް އެއީ، މި ޤާނޫނުގެ ދަށުން އުފެދޭ ޔުނިވަރސިޓީގެ ބައެއް ކަމުގައެއް ނުހިމެނޭނެއެވެ. ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، އިސްލާމީ ޔުނިވަރސިޓީއަކަށް ބަދަލުވަންދެން، ނުވަތަ ޤާނޫނީގޮތުން މުސްތަޤިއްލު ތަނަކަށް ވަންދެން، އެކުއްލިއްޔާ އުވާނުލައި، ވަކި މުއައްސަސާއެއްގެ ގޮތުގައި ދަމަހައްޓަންވާނެ ކަމަށް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ޔުނިވަރސިޓީގެ މަޤްޞަދަކީ، ދިވެހިރާއްޖެ، ފުރިހަމަ މިނިވަން، އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ބޭނުންވާ އަދި ޤައުމުގެ ޘަޤާފީ، އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމާއި ހުނަރު އުފައްދައި، ހޯދައި، ރައްކާތެރިކޮށް ފެތުރުމެވެ.
މި ޤާނޫނުގައިވާ ގޮތުން، ޔުނިވަރސިޓީ ކައުންސިލަކީ ޔުނިވަރސިޓީ ހިންގާ އެންމެ އިސްފަރާތެވެ. ޔުނިވަރސިޓީގެ ޗާންސެލަރ ޢައްޔަންކޮށް ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. ވައިސް ޗާންސެލަރ ޢައްޔަން ކުރާނީ، ޔުނިވަރސިޓީ ކައުންސިލުންނެވެ.
މި ޤާނޫނުގައި ޔުނިވަރސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތަކާއި، ކައުންސިލް މެންބަރުންގެ ޝަރުޠުތަކާއި، ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތުތަކާއި، ކައުންސިލް މެންބަރުންގެ ދައުރާއި، މެންބަރުން ހޮވާނެގޮތް ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ކޮލެޖްގެ އަސާސީ ގަވާއިދު ބާޠިލުވީއެވެ. އަދި ކޮލެޖްގައި އޮތް ކޮލެޖް ކައުންސިލް ވެގެންދާނީ، ޔުނިވަރސިޓީގެ ވަގުތީ ކައުންސިލަށެވެ.
މިޤާނޫނަށް ޢަމަލުކުރަން ފެށުމުން، ކޮލެޖްގެ މުވައްޒަފުންވާނީ، ސިވިލް ސަރވިސްގައި ނުހިމެނޭ ޔުނިވަރސިޓީގެ މުވައްޒަފުންނަށެވެ. އަދި ދަރިވަރުންވާނީ ޔުނިވަރސިޓީގެ ދަރިވަރުންނަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރެއްވި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި، އެޤާނޫނުތަކުގެ ދަށުން ބާރުލިބިގެން ހަދާ ގަވާއިދުތައް ތަރުޖަމާ ކުރުމުގައި، ނުވަތަ މާނަކުރުމުގައި ނުވަތަ ތަންފީޛު ކުރުމުގައި ރިޢާޔަތް ކުރާނެ ޤާނޫނީ ހަމަތައް ބަޔާންކުރުމުގެ ޤާނޫނެވެ. މިޤާނޫނުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާއި ގަވާއިދުތައް، ވީހާވެސް އެއްގޮތަކަށް ތަރުޖަމާ ކުރުމާއި، މާނަކުރުމާއި، ތަންފީޛު ކުރުމުގެ އުޞޫލުތައް އެކަށައެޅުމާއި، ޤާނޫނީ އިދާރާތަކުންނާއި، ޝަރްޢީ ކޯޓުތަކުން ޤާނޫނު މާނަކުރުމުގަޔާއި، ތަރުޖަމާ ކުރުމުގަޔާއި، ތަންފީޛު ކުރުމުގައި ޢަމަލު ކުރަންވީ ހަމަތަކަކީ ކޮބައިކަން އަންގައިދިނުމެވެ.