26 Aug 2014, 14:53
ސްޕެޝަލް އިކްނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް އިސްލާޙްތައް ހުށަހަޅައި ބަހުސް މަރުހަލާ ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފި އެވެ.
އިގްތިސާދީ ކޮމެޓީން އެސްއީޒެޑް ބިލްގެ މަސައްކަތް ނިންމައި ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ބިލަށް ވަނީ 300 އަށް ވުރެ ގިނަ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އެހެންކަމުން އެ އިސްލާހުތައް ހުށަހަޅައި އެއް ގަޑިއިރުގެ ބަހުސް މަރުހަލާ ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފައި ވަނީ 59 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި ޖަލްސާ ކުރިއަށް ގެންދަން ނުފެންނަ ކަަމަށް 15 މެންބަރަކު ވަނީ ވޯޓް ދެއްވާފަ އެވެ.
އިގްތިސާދީ ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ އެސްއީޒެޑްގެ ބިލަށް އިސްލާޙް ހުށަހެޅުމުގެ ފުރުސަތު ލިބެނީ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ ހ، ށ، އަދި ނ ގެ ދަށުންނެވެ.
އެސްއީޒެޑްގެ ބިލަށް ހުށަހަޅާފައިވާ އިސްލާހްތައް ހުށަހަޅައި އެއް ގަޑިއިރުގެ ބަހުސް މައުހަލާ ނިމެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފައިވާއިރު އެ ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ހަނި ކުރުމަށާއި ބައެއް މާއްދާތައް އުވާލުމަށް ސަރުކާރާ އިދިކޮޅު އެމްޑީޕީން ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ.
އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެސްއީޒެޑް ބިލަށް 300 އަށްވުރެ ގިނަ އިސްލާހު އެ ޕާޓީން ހުށަހަޅާފައި ވާނެ ކަމަށެވެ.
ކޮމެޓީގެ މަރުހަލާގެ މަސައްކަތްތައް ނިމިފައިވާ އެސްއީޒެޑް ބިލަށް އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގުމަށް އެ ގާނޫނުން ހުއްދަކުރާ ބާވަތުގެ ޒޯންތަކުގެ ތެރެއިން ހިންގާނީ ކިތައް ޒޯންކަން ކަނޑައަޅާނީ މިނިސްޓަރު ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ކަމަށް ވަނީ ބުނެފަ އެވެ. މިހާރު އޮތް ގޮތުން ނަމަ އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ހާއްސަ ބޯޑަކުންނެވެ.
ރާއްޖޭގައި ގާއިމުކުރާ ޒޯންތަކުގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައި ކަމާއި އަދި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ބޯޑުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އަހަރަކު އެއްފަހަރު އަންގަވަން ވާނެ ކަމަށް ބުނެފައިވާ މާއްދާ ބަދަލު ކުރުމަށް އެމްޑީޕީން ވަނީ ދެ އިސްލާހެއް ހުށަހަޅާފަ އެވެ. އޭގެ އިތުރުން ޖުވާ ކުޅުމާއި އެހެން ދީންތަކުގެ މީހުނަށް އަޅުކަން ކުރުމުގެ ހުއްދަ އިކޮނޮމިކް ޒޯނެއްގައި ދީގެން ނުވާނެ ކަމަށް ބަޔާންކޮށް ވެސް އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ.
އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން އެސްއީޒެޑް ގާނޫނުގެ ދަށުން މަސްވެރިކަމާއި ޓޫރިޒަމާއި ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރު ހިންގުމަށް އިންވެސްޓެއް ނުކުރެވޭނެ އެވެ. އެ މާއްދާއަށް ހުށަހަޅާފައިވާ ދެ ވަނަ އިސްލާހަކީ ރާއްޖޭގައި ގާއިމުކުރާ ޒޯންތަކުގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައި ކަމާ އަދި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ނިންމާނީ ބޯޑުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ އިސްލާހެވެ. އަދި ޒޯންގައި އިންވެސްޓް ކުރަން ވާނެ އެންމެ ކުޑަ މިނެއް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން ކަމަށް ކަނޑައަޅަންވެސް އެމްޑީޕީން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން އުފައްދާ ޒޯންތަކުގެ ކަންކަން ބެލުމަށްޓަކައި ޒޯން ސުޕްރިންޓެންޑެންޓްގެ އިތުރުން ޒޯން ކޮމިޝަނަރެއް ހުންނަވަން ވާނެ ކަމަށް ކަނޑައެޅުމަށް ވަނީ އިސްލާހު ހުށަޅައިފަ އެވެ. އަދި ޒޯން ކޮމިޝަނަރުގެ މައްސޫލިއްޔަތުތައް ވެސް އެ މާއްދާއާއެކު ހުށަހަޅާފައިވެ އެވެ. އަދި އިކްނޮމިކް ޒޯނެއްގައި އިންވެސްޓް ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އެޒޯން ހިމެނޭ ސަރައްދަކީ ކައުންސިލެއްގެ އިހްތިސާސް ތެރޭގައި އޮތް ސަރައްދެއް ނަމަ އެ ކައުންސިލުގެ ރުހުން ހޯދަން ވާނެ ކަމަށް ބުނެ އިސްލާހެއް ވަނީ ހުށަހަޅާފަ އެވެ.