26 Aug 2014, 13:56
ވީނުވީ ގޮތެއް ނޭގި ގެއްލިގެން ހޯދަމުންދާ، މ.ޝައިނިންގ ސްޓާ އަޙްމަދު ރިޟްވާން ޢަބްދުﷲ،28، ގެއްލުނު މައްސަލައާ ގުޅޭ ގޮތުން މީޑިއާތަކުން އެކިގޮތްގޮތަށް ޚަބަރުތައް ގެނެސްދިނުމުގެ ސަބަބުން އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ފުލުހުންގެ ތަހުގީގަށް ހުރަސްއެޅެމުންދާތީ އެކަމަށް ސަމާލުކަންދީގެން މަސައްކަތްކޮށްދެއްވުމަށް، މިމައްސަލައާއި ގުޅިގެން މީޑިއާތަކުން އެކުލަވާލާފައިވާ ކޮމެޓީގެ އިސް ފަރާތްތަކުގެ ކިބައިން ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އެދިވަޑައިގެންފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މިކަމަށް އެދިވަޑައިގަތީ މީޑިއާތަކުން އެކުލަވާލި ކޮމިޓީގެ މެމްބަރުންނާ މިއަދު ހެނދުނު ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ބައްދަލުކުރައްވައި އެބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކުގައެވެ.
ކޮމިޝަނާ އޮފް ޕޮލިސް އާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަޙީދު ވަނީ މިމަސައްކަތުގައި ފުލުހުންނަށް ލިބިފައިވާ މުހިއްމު މަޢުލޫމާތާއި އެކަމަށް ފުލުހުން ކުރަމުންދާ މަސައްކަތް ޙިއްސާ ކުރައްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރިޟްވާން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އޭނާގެ ޢާއިލާއިން އަދި ހެޔޮ އެދޭފަރާތްތަކުން ބާރުމިނުގައި ކުރިޔަށް ގެންދާކަމަށެވެ. މިހެންކަމުން މިކަމާއި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދެވޭ މަޢުލޫމާތުތަކަކީ ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ކަންކަން ނޯޅޭނެހެން ފޯރުކޮށްދެވޭ މައުލޫމާތަށް ހައްދަވައި ދެއްވުމަށާއި ފުލުހުންގެ ތަހުގީގަށް ބުރޫނާރޭނެ ގޮތަށް ޚަބަރުތައް ފޯރުކޮށްދެއްވުމަށް ކޮމިޝަނާ އޮފް ޕޮލިސް ވަނީ މީޑިއާގެ ފަރާތްތަކުގައި އެދިވަޑައިގެންފައެވެ.
ރިޟްވާނުގެ ތަހުގީގު ކުރިޔަށްދާގޮތާއި އަދި މިހާތަނަށް ތަހުގީގު ކުރިޔަށް ގެންދެވިފައިވާ ހިސާބު މީޑިއާގެ ފަރާތުން ވަޑައިގެންނެވި ފަރާތްތަކާއި ހިއްސާކުރެވިފައިވާއިރު، މި ތަހުގީގަށް ހުރަސްއެޅޭނެގޮތަށް ޚަބަރުތަށް ނުފޮނުވުމަށާއި، ޚަބަރުތަށް ފެތުރުމުގައި ރައްޔިތުންނަށް ސައްޙަ ޚަބަރު ފޯރުކޮށްދެއްވުމަށް މީޑިއާތަކުން ވަޑައިގެންނެވި ފަރާތްތަކާ އެކު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. އަދި މި ތަހުގީގުގައި މީޑިއާގެ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ލިބިގެންދާނެކަމަށް އެ ފަރާތްތަކުންވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަށް ޔަގީންކަން ދެއްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންފޮރމޭޝަން އޮފިސާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޙަސަން ޙަނީފުގެ އިތުރުން މިމައްސަލާގައި އެކުލަވާލާފައިވާ މީޑިއާ ގުރޫޕުގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ރިޟްވާނު ހޯދުމުގެ މަސައްކަތް ރެއާއި ދުވާލު ފުލުހުން ހުއްޓުމެއްނެތި ކުރަމުންދާއިރު، ރިޟްވާނު އެންމެ ފަހުން ފެނިފައިވަނީ މި ހިނގާ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުރޭ އެކެއް ޖަހަން ކައިރިވެފައިވަނިކޮށް މާލޭގައި ހުންނަ ހުޅުމާލެ-މާލެ ފެރީޓާމިނަލުން ކަޅު ގަމީހަކާއި، ތިރިން ކަޅުކުލައިގެ އެއްޗެއް ލައިގެން ހުއްޓައެވެ.