26 Aug 2014, 13:12
ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ލޮރީއެއް ގަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ލޮރީ ދުއްވަން އިން ބިދޭސީ ޑްރައިވަރަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ އެެކްސިޑެންޓް ހިނގާފައި ވަނީ، ނިރޮޅުމަގު 137 ނަމްބަރު ފްލެޓް ކައިރިން ބޮޑު ލޮރީއެއްގައި ދެކުނުން އުތުރަށް ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް އެ މަގުގެ އިރުމަތީ ފަރާތުގައި ހުރި ގަހެއްގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުގައި ލޮރީ ދުއްވަން އިން މީހާ ލޮރީތެރޭ ތާށިވެ، ކަށި މައްޗަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ.