26 Aug 2014, 13:02
ރާއްޖޭގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދީ ބިރު ދެއްކުމުގެ ހަރަކާތްތައް ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.
ކާކުކަން ނޭނގޭ ނަމްބަރުތަކުން ރާއްޖޭގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދީ ބިރު ދެއްކުމުގެ ހަރަކާތްތައް ހިންގަމުން ގެންދާ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް އެމްޖޭއޭ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންޒާރުގެ މެސެޖު ފޮނުވަނީ ކޮންމެ ބަޔަކު ކަމުގައި ވިޔަސް އެކަން ހުއްޓާލުމަށް އެ ޖަމިއްޔާއިން ގޮވާލާ ކަމަށެވެ.
ރާއްޖެފަދަ ކުޑަ މުޖުތަމައުއެއްގައި އެކަކު އަނެކަކުގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އިންޒާރުދީ ހެދުމަކީ އާންމު މުޖުތަމައުގެ މަސަލަސް ކަން ގެއްލިގެންދާނެ ކަމެއް ކަމުގައި އެމްޖޭއޭއިން ވަނީ ބުނެފަ އެވެ.
އެ ޖަމިއްޔާއިން ބުނީ ސިލްސިލާކޮށް އެކިއެކި ނޫސްވެރިންނަށް މަރުގެ އިންޒާރުތައް ދެމުންގެންދާ މިދަނޑިވަޅުގައި އިއްޔެރޭ ވެސް ވީ ނިއުސްގެ އެޑިޓަރު މުންޑޫ އާދަމް ހަލީމަށް މަރުގެ އިންޒާރުގެ މެސެޖެއް ފޮނުވާފައިވާކަން އެމްޖޭއޭއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކިއެކި މީސް މީހުންގެ ނަންނަމުގައި ވެސް ނޫސްވެރިންނަށް މެސެޖު ފޮނުވަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި މަރުގެ އިންޒާރު ލިބެމުން ދާ ނޫސްވެރިންގެ ތެރޭގައި ހަވީރު ނޫހާއި ސަން އޮންލައިނާއި ވަގުތު އޮންލައިނާއި ވީ ނިއުސްގެ ނޫސްވެރިން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ވަކިވަކި ބައެއް ނޫސްވެރިންނަށް ވެސް ތަފާތު އެކިއެކި އިންޒާރުގެ މެސެޖުތައް ލިބެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.