ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަކީ "ހިތްހެޔޮކަމާއި ހިނިތުންވުމާ"އެކު ރައްޔިތުންނަށް ހިދުމަތް ދޭން ތިބޭ ބަޔަކަށް ވާންޖެހޭ ކަމަށް ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް ހޮސްޕިޓަލްތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުމެއް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާއިން "އުނިވެފައިވައި" ވަނީ "އޯގާތެރިކަން" ކަމަށެވެ.

ސިއްހީ ދާއިރާގެ އެ "އުނިކަން" ނެތިކޮށްލުމަށް ހިނިތުންވުމާއެކު ހިދުމަތް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ހިދުމަތް ދޭން ތިބި ބައެއް. ފުރަތަމަ ކައުންޓަރާ ދިމާވާއިރު މޫނުން 'ފޫގަޅާފަ' ހުންނަ މީހަކާ ދިމާވީމަ ބަލި މީހާގެ ބަލި އިތުރު ވާނެ ކަމަށް އަޅުގަނޑައް ބެލެ ވެނީ. އެއްވެސް ވަރަކަށް އިހާނެތިކޮށް ނުހިތާ ވީހާ ވެސް ހަމްދަރުދީ ގޮތަށް ކަންކަން ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ހިދުމަތެއް ލިބެން ނެތްނަމަ އެ ހިދުމަތެއް އެ ވަގުތަކު ލިބެން ނެތް ކަމަށް ރީތިކޮށް ބުނެވިދާނެ ކަމަށާއި އެ އަށްފަހު ދެން އިތުރަށް ކުރެވޭނެ ކަމަކީ ކޮބައިކަން ބުނެދޭން ވާނެ ކަމަށެވެ. އެގޮތުން ޓެސްޓެއް ހެދޭނެ ގޮތް ނެތްނަމަ މެނޭޖަރަކާ މަޝްވަރާ ކުރުމުގެ ބަދަލުގައި "މިހާރު ތިކަން ނެތޭ ވާކަށް ބުނެ ނިކަމެތި ރައްޔިތުމީހާ ފޮނުވާލުމުގެ ބަދަލުގައި" ދެން އޮތީ ކޮން ގޮތެއްތޯ ހޯދައި އެ ގޮތަކަށް މަގުފަހިކޮށް ދިނުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހެލްތް ސެކްޓާގައި މަސައްކަތް ކުރާ އެންމެންނަކީ އެ ސެކްޓާއަށް ދިމާކާ ކޮންމެ ބަދުނާމަކަށް ޒިންމާވާން ޖެހޭނެ ބައެއް. ހެލްތު މިނިސްޓަރަށް އެއްޗެހި ކިޔާ ކޮންމެ ދުވަހަކު ހުރިހާ ހެލްތު މެނޭޖަރުން ވެސް ޒިންމާވާން ޖެހޭނެ. އެއީ ހޮސްޕިޓަލްތައް ހިންގަން ހަވާލުވެ ތިބީ އެ މެނޭޖަރުން ކަމަށް ވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ޕާސަނަލް ރިލޭޝަންޝިޕް ރަނގަޅު ކުރުމަށްޓަކައި ކޮންމެ ހޮސްޕިޓަލެއްގައި ވެސް އެކަކު ނުވަތަ ދެ މީހުން ތިބުން މުހިންމު ކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތަކަކީ ކޮބައިކަން ދެނެގަނެ އެތަކެތި އަވަހަށް ލިބުމަށް މަގުފަހިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ ހާލަތު ރަނގަޅު ކުރުމުގެ ނިޔަތުގައި ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި އެކި ހޮސްޕިޓަލް ތަކުގެ 44 މެނޭޖަރުން ބައިވެރިވެ އެވެ.