ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުﷲ ހޯދުމަށް ބޭނުންވާ ސައްހަ މައުލޫމާތު ދޭ މީހަކަށް 200،000 ރުފިޔާދޭން އޭނާގެ އާއިލާ އިން ހުށަހަޅައިފި އެވެ.

ރިޟުވާންގެ އެއްބަނޑު އެއްބަފާ ބޭބެ މޫސާ ރިޟުވާން މިއަދު ބުނީ އެ ފައިސާ ދޭން ހުށަހަޅީ އާއިލާގެ އިތުރުން ރިޟުވާނަށް ހެޔޮއެދޭ ފަރާތްތަކުން ބޭނުން ވެގެން ކަމަށެވެ. ރިޟުވާނު ހޯދުމަށް ބޭނުންވާ ފަދަ ސައްހަ މައުލޫމާތެއް ހިއްސާ ކުރަން ބޭނުންވާ މީހުން މޫސާ ރިޟުވާނާ ގުޅަން އެދޭ ކަަމަށް ވެސް އޭނާ ބުންޏެވެ. އޭނާގެ ފޯނު ނަމްބަރަކީ 7791120 އެވެ.

"އާއިލާއިންނާއި ރިޟުވާނަށް ހެޔޮ އެދޭ ފަރާތްތަކުން ހުށަހަޅައިގެން މިއުޅެނީ ސައްހަ މައުލޫމާތެއްދޭ މީހަކަށް 200،000 ރުފިޔާ ދޭން،" މޫސަ ބުންޏެވެ.

ރިޟުވާން ގެއްލިގެން އާއިލާއިން ރިޕޯޓް ކުރިފަހުން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި އޭނާ މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީޓާމިނަލް އިން ޓިކެޓް ގަނެގެން ޓާމިނަލުން އެތެރެއަށްދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖްއެއް އާއްމުވެފައިވި ނަމަވެސް އޭނާ ހުޅުމާލެ އަށް ގޮސްފައިވާކަން ޔަގީން ކުރެވިފައިނުވާ ކަމަށް ފުލުހުން މިހާތަނަށް ވަނީ ބުނެފަ އެވެ.