26 Aug 2014, 12:45
އިޖުރާއީ ނުކުތާތަކުގައި ކޯޓުތަކުން ނިންމާ ނިންމުން އިސްތިއުނާފު ކުރެވޭނީ އެ މައްސަލައެއްގައި ޝަރީއަތުން ހުކުމް އިއްވުމަށް ފަހުގައި ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި އާދީއްތަ ދުވަހު ނެރުއްވި ސާކިއުލާއެއްގައި ބުނެފައި ވަނީ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނަގާ އިޖުރާއީ ނުކުތާތައް އިސްތިއުނާފު ކުރެވޭނީ އެމައްސަލައަކާ މެދު އެ ކޯޓަކުން މައުޟޫއީގޮތުން ގޮތެއް ނިންމުމުން ކަމަށެވެ.
"ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ނެގޭ އިޖުރާއީ ނުކުތާތަކާ ގުޅިގެން ކަނޑައަޅާ ކަނޑައެޅުންތަކަކީ ހުށަހެޅިފައިވާ މައްސަލައަށް މައުޟޫއީގޮތުން ފައިސަލާ ކުރުމަކާ ނުލައި ކަނޑައަޅާ ކަނޑައެޅުންތަކަކަށްވާތީ އާއި ޝަރުއީ ކޯޓުތަކުގައި ނެގޭ އިޖުރާއީ ނުކުތާތަކާ ގުޅިގެން ކަނޑައަޅާ ކަނޑައެޅުންތައް އާންމު އުސޫލެއްގެ ގޮތުން އިސްތިއުނާފު ކުރެވޭނީ އެ މައްސަލައެއް އޮތް ކޯޓަކުން މައުޟޫއީގޮތުން އެ މައްސަލައެއް ބަލައި ފައިސަލާ ކުރަނިވި ހުކުމެއް އިއްވުމުން،" އެ ސާކިއުލާގައި ވެއެވެ.
އެކަން އެގޮތަށް ކަނޑައެޅިނަމަވެސް ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމުގެ އިހުތިސޯސް ނެތް ކަމަށް ކޯޓަކުން ނިންމައިފިނަމަ އެ ނިންމުން އިސްތިއުނާފު ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.