17 Jan 2011, 14:20
ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު" އާއި، "ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު" އާއި، "ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވައި، އެ ތިން ބިލަށް އިސްލާހު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ ތިން ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
ޑިސެމްބަރު28، 2010 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު" އާއި، "ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު" އާއި، "ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޞްދީޤު ނުކުރައްވައި އަލުން މަޖިލިހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އަދި އެ ބިލުތަކަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ ތިން ބިލު، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
އެ ތިން ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތިން ސިޓީފުޅުގައި، މި ބިލުތަކަށް އެޓަނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، އެ ބިލުތަކާ ގުޅޭ ގޮތުން އެޓަނީ ޖެނެރަލް ފާހަގަކުރެއްވި މައްސަލަތައް ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު" ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އަދި ބައެއް ޤާނޫނުތަކާ ފުށުއަރާ މާއްދާތަކެއް ބިލުގައި ހުރިކަމަށާއި އެހެންކަމުން، އެބިލު ތަޞްދީޤުކުރައްވައިފި ނަމަ އެތައް ބައެއްގެ އަދި މުއައްސަސާތަކެއްގެ ގިނަ ޙައްޤުތަކަށާއި މިނިވަންކަމަށް އަސަރުފޯރާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ފާހަގަކުރައްވާފައިވާ ކަމަށް އެ ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާނެ ކަމަށް ވެސް އެ އޮފީހުން މިއަދު ބުންޏެވެ. އަދި އެބިލު ތަޞްދީޤު ނުކުރައްވައި އަނބުރާ ފޮނުވާލުމަށް، އެކޮމިޝަންގެ އިތުރުން، ޢާންމުންގެ ގިނަ ފަރާތްތަކަކުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު" އާ ގުޅޭގޮތުން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވި ކަންތައްތަކުގެ އިތުރުން، މިބިލު ޤާނޫނަކަށް ވެގެންދިއުމުން، މި ބިލުގައިވާ ކަންކަން ކުރެއްވުމަށް ދައުލަތުގެ މައްޗަށް ލާޒިމުވާނެތީ، އެކަންކަން ކުރެއްވުމަކީ، ދައުލަތުގެ މައްޗަށް ދަތި އުނދަގޫ ކަމަކަށް ވާނެކަމަށާއި، އެކަމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމެއްކަމަށްވާތީ، މި ބިލު ޤާނޫނަކަށް ވުމުން ދަތިތަކެއް ދިމާވެދާނެކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ބިލުގައި ދިވެހިބަހުން ލިޔެވިދާނެ ގިނަ އިނގިރޭސި ބަސްތަކެއް ހިމަނާފައިވާކަންވެސް ފާހަގަކުރައްވާފައިވެ އެވެ.
"ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު" ގެ 6 ވަނަ މާއްދާގެ (ހ) ގައި، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ ނަމުގައި، ސެންޓަރެއް މި ޤާނޫނުގެ މި މާއްދާގެ ދަށުން މި އުފެއްދީ ކަމަށް ބަޔާންކޮށްފައިވާކަމާއި، ބިލުގެ 6 ވަނަ މާއްދާގެ (ށ) ގައި، އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒު އުފެދުމާއެކު، މިހާރު ނޭޝަނަލް ތެލަސީމިއާ ސެންޓަރުގެ ނަމުގައި ހިންގަމުން އަންނަ މަރުކަޒުގެ އެންމެހައި އިޚްތިޞާޞްތަކާއި ވަސީލަތްތަކާއި ބާރުތައް އެމަރުކަޒުގެ ދަށަށް ބަދަލުވެ ނޭޝަނަލް ތެލަސީމިއާ ސެންޓަރު އުވުނީކަމަށް ބަޔާންކޮށްފައިވީނަމަވެސް، ނޭޝަނަލް ތެލަސީމިއާ ސެންޓަރަކީ މާލޭ ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ދަށަށް ބަދަލުކުރެވި އެކޯޕަރޭޝަންގެ ދަށުން ހިނގަމުންދާ ތަނަކަށްވާތީ، ބިލު ފާސްވިއިރު އެހެން ކުންފުންޏެއްގެ ދަށުގައި ހުރިތަނެއް ސަރުކާރަށް އަނބުރާ ނެންގެވުމަކީ ޤާނޫނީގޮތުން ކުރެއްވިދާނެކަމެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށް އެޓަރނީ ޖެނެރަލް ލަފާދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ނޭޝަނަލް ތެލަސީމިއާ ސެންޓަރުފަދަ ޞިއްޙީ ޚިދުމަތްދޭ ތަންތަން، މާލޭ ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ދަށަށް ބަދަލުކުރެއްވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގައި އޮތް، ޞިއްޙީ ޚިދުމަތްދޭ ތަންތަން ސީދާ ހިންގުމާ ބެހޭ މުވައްޒަފުން، އަދި އެކަމާބެހޭ އޮނިގަނޑު މިހާރު ވަނީ އުވާލެވިފައިކަމަށް، ކަމާ ބެހޭ ސަރުކާރުގެ ވުޒާރާކަމަށްވާ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.