26 Aug 2014, 12:25
ސަރުކާރުން ކުރިއަށް ގެންދަން ނިންމަފައިވާ "22 ބަނދަރު ޕްރޮގުރާމްގެ އެޑުވާންސާއި އީއައިއޭ" ޕްރޮޖެކްޓްގެ ދަށުން މިއަހަރުތެރޭ 10 ބަނދަރު ނިމޭނެ ކަަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ށ. ފޯކައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ދައުލަތުގެ ބެޖެޓަށް ލުޔެއް ލިބޭނެ ގޮތެއްގެ މަތިން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބަނދަރުތަކެއް ހެދުމުގެ ޕްރޮގުރާމެއް 2012 ވަނަ އަހަރު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރިނަމަވެސް އެ ކުންފުންޏަށް ލޯން ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހު އެ އެއްބަސްވުން ބާތިލް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުން ބާތިލްކުރި ނަމަވެސް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 22 ބަނދަރު ޕްރޮގުރާމްގެ ދަށުން މިއަހަރު 10 ބަނދަރެއްގެ މަސައްކަތް ނިންމައި އަންނަ އަހަރު 12 ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"ކަންމިހެން އޮތްނަމަވެސް ސަރުކާރުން ނިންމީ އެ 22 ބަނދަރުގެ މަސައްކަތް ސަރުކާރުގެ ބަޖެޓުގެ ތެރޭ ހިމަނައިގެން ކުރިއަށްގެންދަން. މިގޮތުން 22 ބަނދަރުގެ މަސައްކަތް ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަން. އޭގެ ތެރޭއިން 10 ބަނދަރުގެ މަސައްކަތް މިއަހަރުތެރޭ ކުރިއަށް ގެންގޮސް ނިންމައި، އަންނަ އަހަރު 12 ބަނދަރުގެ މަސައްކަތް ނިންމަން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 22 ބަނދަރުގެ ތެރެއިން 10 ބަނދަރު މި އަހަރުތެރޭ ނިންމުމަށްޓަކައި މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެމްޓީސީއާ ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި ބާކީ 12 ބަނދަރުގެ މަސައްކަތް ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ބަޖެޓު ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަންނަ އަހަރު ހަދަން ނިންމާފައިވާ 12 ބަނދަރަށް ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށާއި އޭގެތެރެއިން ފޯކައިދޫ ބަނދަރަށް 30 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންޓްރަކްޓާ ފައިނޭންސް އުސޫލުން ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދަން ނިންމީ އޭގެ ސަބަބުން ދައްކަން ޖެހޭ ފައިސާ ޕްރޮޖެކްޓްގެ އަސްލު އަގަށްވުރެ ބޮޑުވެގެންދާތީ ކަަމަށެވެ. އަދި 22 ބަނދަރުގެ މަސައްކަތް އޭރު ކުރިއަށް ނުގެންދެވުނީ ލޯން ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ އުސޫލެއްގެ ސަބަބުން ކަމަށާއި އެގޮތުން ހަތް ޕަސެންޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯން ނުލިބުމަކީ މަސައްކަތް ކުރިއަށް ނުގެންދެވުނު ސަބަބެއް ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 13 ރަށެއްގެ ބަނދަރުގެ މަސައްކަތާއި ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ކޮންޓްރޮކްޝަން އިންޑަސްޓްރީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުރުމަށް ކުރަމުންދާ މަސައްކަތާ ބެހޭގޮތުން މެންބަރުން ސުވާލު ކުރެއްވުމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ކޮންޓްރޮކްޝަންސް އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ތަފާތުއެކި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޮންޓްރޮކްޝަން ކުންފުނިތަކަށް ލުއިލޯނު ލިބޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި އުސޫލުތަކެއް ކަނޑައަޅައި ރައްޔިތުްނގެ މަޖިލީހަށް ފޮނުވުމަށްޓަކައި ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން ވެސް ކޮންޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި އިކޮނަމިކް ކައުންސިލްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.