26 Aug 2014, 11:58
ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކަކަށް ބޭނުންވާ ވަސީލަތްތައް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭ ފޯރުކޮށްދެއްވާނެ ކަމަށް ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހޮސްޕިޓަލްތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުން ފެށުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ވެސް ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ހޮސްޕިޓަލްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަބަދުވެސް އިވިގެން މި ދަނީ ކޮންމެވެސް އެއްޗެއް ސަރުކާރު ހޯދައިނުދޭނެ ކަމަށް ބުނާ އަޑު. އެއީއެއް ނޫން އަޅުގަނޑުމެންގެ އަމާޒަކީ. އެ ވަގުތެއްގައި ލިބެން ހުރި އެއްޗެއް ބޭނުން ކޮށްގެން އެ ވަގުތެއްގައި ލިބެންހުރި އާލާތްތަކެއްގެ ބޭނުންކޮށްގެން ރައްޔިތުންނާ ހަމައަށް ހިދުމަތް ފޯރުކޮށްދިނުން. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހު ހޮސްޕިޓަލްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އިރާދަކުރެއްވިއްޔާ ހަމަކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މިހާރު ހުރިހާ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތަކުގެ ލިސްޓެއް ނަގާ ނިމިފައިވާ ކަމަށާއި އަމާޒަކީ ކުރިއަށް އޮތް ދެ މަސްތެރޭ އެ ހުރިހާ ވަސީލަތްތައް ހޯދާ ހަމަކުރުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލްވުމަށް ހޮސްޕިޓަލްތަކުގެ އިސްވެރިންނާ ސަރުކާރު ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ހޮސްޕިޓަލެއްގައި ވެސް މީގެ ފަހުން އެ ހޮސްޕިޓަލްގެ ޒިންމާދާރު ފަރާތަކަށް ހުންނާނީ އެ ހޮސްޕިޓަލެއްގެ މެނޭޖަރު ކަމަށެވެ. އަދި ތަކެތި ހޯދުމާއި ތަކެތި ގެނައުމުގައި އެބޭފުޅުންގެ ޒިންމާ ވަރަށް ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ޕްރޮކިއުމަންޓް ހަމަޖެހިފައި އޮތް ގޮތުން އެއްޗެހި ހޯދަން މިނިސްޓްރީގައި އެދުމުން މިނިސްޓްރީން އޭގެ ކޮޕީއެއް ފޮނުވާނެ އެސްޓީއޯ އަށް. އެއީ ޕާޗޭސިން އޯޑަރެއް. ދެން އެސްޓީއޯ އިން އެ އެއްޗެއް އެ ހޮސްޕިޓަލްތަކަށް ފޯރުކޮށްދޭނެ ނިޒާމު މިހާރު މި ވަނީ ހަމަޖެހިފައި. ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން މި ނިޒާމަށް އެކަން ހިނގަމުންދާނެ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
އެެހެންކަމުން ސަރުކާރުން ތަކެތި ހޯދޭނެ ގޮތް ފަހިކޮށްދިނުމުން އެ ތަކެތި ލިބުމުގެ މަރުހަލާ ކުރިއަށް ދަނީ ކޮން ގޮތަކަށް ތޯ ބަލައި އެ ތަކެތި ހޮސްޕިޓަލުގެ ތަކެތި ހަމަކުރުމަކީ މެނޭޖަރުންގެ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.