26 Aug 2014, 12:07
ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ހިންގުމަށް ހުއްދަދީފައިވާ ވިލާ އިންޓަނޭޝަނަލްގެ މާމިގިލީ އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފި އެވެ.
ސިވިލް އޭވިއޭޝަންގެ އިސް އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފައިވާ ކަން ސަރުކާރުން އިއްޔެ ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް އަށް އަންގާފައިވާ ކަމަށެވެ. އަދި މާމިގިލީ އެއާޕޯޓް އެތެރޭގެ އުދުހުންތަކަށް އެކަނި ބޭނުން ކުރާ ގޮތަށް ހަމަޖެއްސީ އިންޓަނޭޝަނަލް އާޕޯޓެއްގެ ގޮތުގައި އެ އެއާޕޯޓް ބޭނުންކުރުމަށް ޓަކައި ގެންނަން ޖެހޭ ތަރައްގީ ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމާ އެއްގޮތަށް ގެނެސްފައި ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްބަސްވުމުގައި ހުރި ބައެއް ކަންކަން އެބަހުރި މުއްދަތު ހަމަވި އިރު ވެސް ފުރިހަމަ ނުވެ. އެހެންވެ އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހުންނަން ޖެހޭ މުހިންމު ބައެއް ކަންކަން ފުރިހަމަ ކުރަން ޖެހޭ މުއްދަތުގެ ތެރޭގައި އެކަންކަން ހުރީ ނުވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
ވިލާ ސިޕިންގްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޒާހިރު މިއަދު "ސަން" ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުކުރެވޭ ކަމަށް ބުނެ ސަރުކާރުން އެެގޮތަށް ހަމަޖައްސައިފި ނަމަ އެކަމާ މެދު ވިދާޅުވާނެ އެއްޗެއް ނެތް ކަމަށެވެ. ނަމަވެސް އެ ގޮތަށް ހަމަޖެއްސި ކަމުގެ ލިޔުން އަދި ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އެހެން ވިދާޅުވާ ކަމުގައިވާ ނަމަ އެކަމާ ބުނާނެ އެއްޗެއް ނެތް. ދެން އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރެވިފައިނުވާ ކަން އެނގޭނީ އެކަންކަން ބެލުމުން. ނަމަވެސް އެ ސިޓީ ލިބުމުން ޖަވާބުދާރީ ވާނަން،" ޒާހިރު ވިދާޅުވި އެވެ.
ވިލާ ކުންފުނިން ހިންގަމުން އަންނަ އެ އާޕޯޓަކީ 99 އަހަރަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އެ ކުންފުންޏަށް ދީފައިވާ އެއާޕޯޓެކެވެ. އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހަމަޖައްސައިފައި ވަނީ ވެސް ރައީސް ވަހީދުގެ ސަރުކާރުންނެވެ.
އޭރު ވިލާ ކުންފުނިން ބުނެފައި ވަނީ އެ ކުންފުނިން ރާއްޖެ އިން ބޭރަށް ބޯޓަށް ފުރުވުމަށް ވުރެ ބޮޑު އިސްކަމެއްދޭނީ ރާއްޖެ އަންނަ ބޯޑުތަކަށް ހިދުމަތް ދިނުމަށް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގާ "ވިލާ އިންޓަނޭޝަނަލް އެއާޕޯޓް" ޓޮމެސްޓިކް އެއާޕޯޓަކަށް ސަރުކާރުން ބަދަލުކުރި އިރު، ވިލާ އެއާއަށް ކުއްޔަން ދީފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު ވަނީ ސަރުކާރަށް ނަގައިފަ އެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް 20 އަހަރަށް ދޫކޮށްފައިވާ ލ. ބަރެސްދޫގެ މުއްދަތު އެ ކުންފުންޏަށް އިތުރު ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.