26 Aug 2014, 11:51
އަމިއްލަ ވަޒީފާ އަދާކުރާ ފަރާތްތަކަށް މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ މިއަދަށް ހަފްތާއެއްވިި އިރު އަދި މިހާތަނަށް ބައިވެރިވެފައި ވަނީ ހަތް ފަރާތަކުން ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު ސަން އަށް ވިދާޅުވި އެ ސުކީމު ތައާރަފް ކުރި ދުވަހު ބައިވެރިވެފައިވާ ފަސް ފަރާތުގެ އިތުރުން މިހާތަނަށް އެ ސުކީމުގައި ބައިވެރިވެފައި ވަނީ އެންމެ ދެ ބޭފުޅުން ކަމަށެވެ.
"ގިނަ ފަރާތްތަކަކުން ވެއްޖެ ފޯމް ގެންގޮސް ސުކީމުގައި ބަިއވެރިވުމަށް. އަޅުގަނޑުމެން އުންމީދުކުރަނީ ކުރިއަށް އޮތް ތަނުގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ ސުކީމު ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އެ ސުކީމް ތައާރަފްކުރި ދުވަހު ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު ވިދާޅުވީ އަމިއްލަ ވަޒީފާ އަދާކުރައްވާ ފަރާތްތަކުގެ ތެރެއިން އެ ސުކީމުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ސަބް ސިޑީއެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަމިއްލަ ފަރާތަކުން ޕެންޝަން ސުކީމްގައި ބައިވެރިވުމަށް އެކައުންޓެއް ހުޅުވުމުން ސަރުކާރުން 2000 ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ނިންމާފައިވާ އިރު އެމީހަކު އެ ފަންޑަށް ކޮންޓްރިބިއުޓް ކުރާ އަދަދެއްގެ 25 ޕަސެންޓް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސުކީމުން ފައިދާތައް ލިބޭ އިރު އަމިއްލަ އަށް ސުކީމްގައި ބައިވެރިވާ ފަރާތްތަކާއި ކުންފުނިތަކުން ބައިވެރިވާ ފަރާތްތަކާ މެދު އެއްވެސް ވަރަކަށް ތަފާތެއް ނުހުންނާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސުކީމްގައި ބައިވެރިވާ ފަރާތްތަކުން އެ ފަންޑަށް ފައިސާ ދައްކަން ޖެހޭ ވަކި އަދަދެއް ކަނޑަނާޅާ ކަމަށެވެ.