އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުގައި ހުންނަވަނިކޮށް އިސްމާއީލް ހަބީބު އަބްދުއްރަހީމާ މެދު ފިޔަވަޅުއަޅާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހަބީބާ މެދު އަޅާފައިވާ ފިޔަވަޅަކީ އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުގައި ހުންނަވަނިކޮށް މަގާމުދަށްކޮށް ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމަށް ބަދަލުކުރުމެވެ.

އެފަދަ ފިޔަވަޅެއް އަޅާފައި ވަނީ ދެ ކަމަކަށް ތުހުމަތު ކޮށެވެ. އޭގެތެރެއިން އެއްކަމަކީ ކޮމިޝަންގެ ހުއްދަނެތި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރަށް ވަގުތީ ގޮތުން މުވައްޒަފަކު ގެންގުޅެފައިވާ ކަމުގެ ތުހުމަތެވެ. އަދި ދެވަނަ ތުހުމަތަކީ ކޮމިޝަންގެ ހުއްދަނެތި އޭނާ ސްކޯލާޝިޕް ދީފައިވާ ކަމުގެ ތުހުމަތެވެ.

ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ހަބީބުގެ މަގާމް ދަށްކޮށްފައި ވަނީ އެ ފިޔަވަޅު އެޅުމުގެ ކުރިން ކަންހިނގާފައިވާ ގޮތުގެ ހަގީގަތް ހޯދައި ބަލަންޖެހޭ މިންވަރަށް ބެލުމަށްފަހުގައި ނޫންކަކަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނިންމުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ހަބީބާ މެދު ފިޔަވަޅު އަޅާފައި ވަނީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ހަބީބަކީ މިހާރު އެކޮމިޝަނުގެ މެންބަރުންގެ ތެރޭގައި ހިމެނޭ މީހެއް ކަމުގައި ވާތީ، އިސްލާހީ ފިޔަވަޅު އެޅުމުގެ ކުރިން އޭނާ ހުންނެވި މަގާމަށް ރުޖޫއަ ކުރުމަށް ކޮމިޝަންގެ މައްޗަށް ލާޒިމް ކުރާނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް ކުރިން ހުރި ވަޒީފާ ބޭނުންވާ ނަމަ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އޭނާ އެކަން ލިޔުމުން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް އެ ހުކުމްގައި ވެއެވެ.

ހަބީބު ކުރިން ހުރި މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށް މަޖިލީހަށް ހުށަހެޅުމުގެ ހައްގު އޭނާ އަށް ލިބިގެންވާ ކަމަށް ވެސް ހައިކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.