ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވުނު ކަސްބީ އަންހެނުންތަކަކާ އެކު ބަރަހަނާކޮށް ޖިންސީ ގުޅުން ހިންގުމުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައިވާ ގޮތް ބެލުމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހުށަހަޅުއްވައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަލީ ހަމީދާ ގުޅޭގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އަލީ ހުސައިން ވަނީ ޖޭއެސްސީގެ މެމްބަރުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހާޒިރުކޮށް، އަލީ ހަމީދުގެ މައްސަލަ ނިންމި ގޮތާ މެދު ސުވާލު ކުރުމަށް ހުށަހަޅުއްވައިފަ އެވެ. ޖޭއެސްސީން ނިންމާފައި ވަނީ އަލީ ހަމީދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ ސާބިތުނުވާ ކަމަށެވެ.

އަލީ ހުސައިން ހުށަހެޅުއްވި ހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ ތާއީދު ކުރައްވައިފަ އެވެ.

ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އަލީ ހަމީދުގެ މައްސަލައާއި އަދި އެނޫން ވެސް މައްސަލަތައް ބެލުމުގައި ޖޭއެސްސީން އަމަލުކުރަމުން އަންނަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ބައްލަވާފައިވާ މައްސަތައް މި މައްސަލަ އެކަންޏެއް ނޫން. މީގެކުރިން ވެސް ބައްލަވާފަވާ މިބާވަތުގެ މައްސަލަތަކުގައި އަމަލު ކުރައްވާފައިވާ އުސޫލަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ކަނޑައެޅިގެން ޚިލާފަށް މައްސަލަ ނިންމަވަނީ،" އަލީ ހުސައިން ވިދާޅުވި އެވެ.