26 Aug 2014, 10:47
ޣައްޒާ (އޮގަސްޓް 26) : ފަލަސްތީނުގެ މުޖާހިދުންނަށް ޖާސޫސު ކުރަމުންގެން ދިޔަ އިސްރާއީލުގެ ޑްރޯން މަތިންދާބޯޓެއް ޣައްޒާގެ މަތިން ވައްޓާލައިފި އެވެ.
މި ޑްރޯން ވައްޓާލިކަން ކަށަވަރުކޮށްދެމުން ޙަމާސް ޖަމާއަތުގެ ޢަސްކަރީ ގޮފި ޢިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން ބުނީ އިސްރާއީލުގެ ޑްރޯން މަތިންދާބޯޓު ވައްޓާލީ ޣައްޒާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ އައްޝުޖާއިއްޔާ އަވަށުގެ މަތިން އުދުހެމުން ދަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެބޯޓުގެ ހުރިހާ ބައިތަކެއް މިހާރު ވަނީ ޙަމާސްގެ އިންޖިނޭރުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އަލްގައްސާމް އިން ނެރުނު ޢަސްކަރީ ބަޔާނެއްގައި ބުނެފައިވެ އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުން އިސްރާއީލުގެ ޑްރޯން މަތިންދާބޯޓެއް ވައްޓާލިކަން ކަށަވަރުކޮށްދީފައި މިވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާނާއި ގަތްލުއާންމުތަކަށް 50 ދުވަސްވެފައި ވަނިކޮށެވެ. މިދިޔަ ޖުލައި މަހު ވެސް ޙަމާސުން ވަނީ ޣައްޒާގެ މަތިން އުދުހުނު އިސްރާއީލުގެ ޖާސޫސީ މަތިންދާބޯޓެއް ވައްޓާލިކަން ކަމަށްބުނުމަށް ފަހު އެ ބޯޓުގެ ބައިތައް ވެސް ޙަމާސް އަށް ނިސްބަތްވާ އަލްއަގްސާ ޓީވީ ނެޓްވާކުން ދައްކާލާފަ އެވެ. އިއްޔެ ވައްޓާލި އިސްރާއީލުގެ ބޯޓާ ބެހޭ ވީޑިޔޯއެއް ވެސް ޙަމާސް އިން ވަނީ ނެރެފަ އެވެ.
މި ދެ ބޯޓު ވައްޓާލުމުގެ ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް އިސްރާއީލުގެ ޖާސޫސީ ޑްރޯން މަތިންދާބޯޓެއް ޣައްޒާގެ ޖަބާލިޔާ ސަރަހައްދަށް ޙަމާސް އިން ވައްޓާލާފައިވެ އެވެ. ޙަމާސްގެ އަލްއަގްސާ ޓީވީން ވަނީ އެބޯޓުގެ ބައިތައް ވެސް ދައްކާލާފަ އެވެ. އަދި އެބޯޓު ޙަމާސްގެ އަތްދަށަށް ދިޔަކަމަށް އެދުވަސްވަރު އިސްރާއީލުން ވެސް އެއްބަސްވެފައިވެ އެވެ. ނަމަވެސް އެދުވަސްވަރު އިސްރާއީލުން ބުނެފައި ވަނީ އެބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޣައްޒާގެ މައްޗަށް ވެއްޓުނީ ކަމަށާއި ޙަމާސްއިން އެބޯޓު ވައްޓާލީ ނޫންކަމުގަ އެވެ. މިއީ ހަމާސްގެ އަސްކަރީ ގާބިލްކަން ހަޖަމު ނުކުރެވޭތީ އިސްރާއީލުން ދައްކާވާހަކަތަކެއް ކަމަށް ހަމާސުންބުނެ އެވެ. ހަމާސުން ޣައްޒާގެ އައްޝުޖާއިއްޔާ އަވަށަށް އިއްޔެ ވައްޓާލި އިސްރާއީލުގެ ޑްރޯން މަތިންދާ ބޯޓާ ބެހޭ ގޮތުން އިސްރާއީލުން އެއްޗެއް ބުނެފައެއްނުވެ އެވެ.
މިދިޔަ ޖުލައިމަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ އުދުވާނާއި ގަތްލުއާންމުތަކާ ދެކޮޅަށް ޙަމާސް ޖަމާއަތުން ކުރަމުންގެންދާ ޖިހާދުގައި އެޖަމާއަތުން ވަނީ ތިންބާވަތެއްގެ ޑްރޯން މަތިންދާބޯޓު އުފައްދައި އެބޯޓުތައް އިސްރާއީލާ ދެކޮޅަށް ބޭނުންކޮށްފައިވާކަން ހާމަކޮށްފަ އެވެ. ހަމާސް އިން އިސްރާއީލަށް ޖާސޫސުކުރުމަށް ފޮނުވި ޑްރޯން މަތިންދާބޯޓުތަކުގެ ތެރެއިން އެއްބޯޓު ވައްޓާލި ކަމަށް އިސްރާއީލުގެ ސިފައިން ވެސް ބުނެފައިވެ އެވެ. ޙަމާސްގެ އެހެން ޑްރޯން މަތިންދާބޯޓެއް މިދިޔަ ޖުލައި މަހު އިސްރާއީލުގެ އެތެރޭގެ ސަރަހައްދުތަކަށް ގޮސް އިސްރާއީލުގެ ދިފާއީ ވުޒާރާގެ މަތިން އުދުހި އިސްރާއީލުގެ ޢަސްކަރީ ބޭސްތަކުގެ ފޮޓޯތައް ނެގުމަށް ފަހު ސަލާމަތުން އެނބުރި ޣައްޒާއަށް އައިސްފައިވާ ކަމަށް ޙަމާސްގެ ޢަސްކަރީ ގޮފީގެ އިންޖިރޭނުންގެ ޓީމަކުން ކަށަވަރުކޮށްދީފައިވެ އެވެ. މިކަމަށް ވެސް އިސްރާއީލުން އިންކާރުކޮށްފައެއް ނުވެ އެވެ.
ޙަމާސް އިން އިސްރާއީލުގެ ޑްރޯން މަތިންދާބޯޓުގެ ތިން ބޯޓު ވައްޓާލުމާއި އެޖަމާއަތުން ތިންބާވަތެއްގެ ޑްރޯން މަތިންދާބޯޓުގެ އުފައްދާފައިވުމަކީ އެޖަމާއަތުގެ ޢަސްކަރީ އަދި ފަންނީ ގާބިލްކަން ކުރިއަރާފައިވާ މިންވަރު ދޭހަކޮށްދޭ ކަމެއް ކަމަށް ފަލަސްތީނުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުންނާއި ޢަސްކަރީ ތަޖްރިބާކާރުން ދެކެ އެވެ. އަދި މިއީ މުސްތަގްބަލްގައި ފުޅާދާއިރާއެއްގައި ޑްރޯން ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ގާބިލްކަން ފަލަސްތީނުގެ މުޖާހިދުންނަށް ލިބިގެންވާކަން ހާމަކޮށްދޭ ކަމެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ. (އަލްޖަޒީރާ)