ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ބިލަތްފަށަށް ދަތުރުކުރަމުން ދިޔަ އެ އަތޮޅު ފެރީ އެ ރަށު އިރުމަތީ ފަރާތުން ނެރުގެ ފަރު މައްޗަށް އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.

އެެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު ސަން އަށް ބުނީ އެ ދޯނި ފަރަށް އަރާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ރަށަށް މީހަކު ބާލަންވެގެން ނެރުން ވަންނަން އުޅެނިކޮށް ކަމަށެވެ. އޭނާ ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ފެރީގައި އެވަގުތު ތިބީ ކެޕްޓަނާއި ދެ ފަޅުވެރިންނާ އެކު އެރަށުގެ މީހެއް ކަމަށެވެ.

އިއްޔެ އިން ފެށިގެން ފަރަށް އަރާފައި އޮތުމުގެ ސަބަބުން އެ ދޯންޏަށް ދަނީ ގެއްލުންތަކެއް ވަމުންނެވެ.

"ދޯނި ނެރުން ވަންނަން އުޅުމުގެ ތެރޭގައި ފަރަަށް އެރީ، ފަރުމަތީގައި އޮތުމުގެ ސަބަނުން ރާޅާ ހިއްލައި ޖެހުމުން ފެރީގެ ފަހަތުކޮޅުގައި ހުރި ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައި،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ށ. ކަނޑިތީމާއި ގޮއިދޫ އާއި ބިލައްފަހި އަދި ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން އަންނަ އެ ފެރީއަކީ އަމިއްލަ ފަރާތަކުން ކުއްޔަށް ހިފައިގެން ބަޔަކު ދުއްވަމުން އަންނަ ދޯންޏެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު އިއްޔެ ފަރަށް އެރި އެ ދޯނި ފުންކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އެރަށުގެ ރައްޔިތުން ގެންދަނީ ކުރަމުން ކަމަށެވެ. މިއަދު އެ ދޯނި ފުން ކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.