26 Aug 2014, 10:17
ކިޔެވް (އޮގަސްޓް 26): ޔުކްރޭންގެ ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް ނިންމަވައި އެގައުމުގެ ރައީސް ބީތްރޯ ބޯޝިންކޯ އެކަން އިޢްލާން ކުރައްވައިފި އެވެ.
ބޯޝިންކޯ ވިދާޅުވީ ޔުކްރޭންގެ ޕާލަމެންޓްގައި މިހާރު ގިނައީ މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ވިކްޓާ ޔަނަކޮވިޗް އަށް ތާއީދުކުރާ މެންބަރުން ކަމަށާއި އެމީހުން ޕާލަމެންޓްގައި ތިބެގެން ސަރުކާރު ހިންގަން ދަތިވާކަމުގަ އެވެ. އެހެންކަމުން ޔުކްރޭނަށް ފައިދާ ބޮޑު ގޮތަކީ މިހާރުގެ ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބެއް ބާއްވައިގެން އައު ޕާލަމެންޓެއް އެކުލަވާލުން ކަމަށާއި ޔުކްރޭންގެ ރައްޔިތުންގެ ގިނަ ބަޔަކު ތިބީ އޭނާގެ ސަރުކާރާ އެއްކޮޅަށް ކަމަށް ވެސް ޔުކްރޭންގެ ރައީސް ބޯޝިންކޯ ވިދާޅުވި އެވެ.
ޔުކްރޭންގެ ރައީސް ބޯޝިންކޯ ޕާލަމެންޓް އުވާލެއްވީ އެގައުމުގެ ގާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުތަކުގެ ބޭނުން ހިއްޕަވައިގެންނެވެ. ޔުކްރޭންގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމެންޓް އުވާލާތާ 60 ދުވަހުގެ ތެރޭގައި އަލުން އިންތިޚާބެއް ބާއްވައިގެން އައުޕާލަމެންޓްއެއް އިންތިޚާބު ކުރަންޖެހެ އެވެ. ޔުކްރޭން ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވުމާއި އަވަށްޓެރި ރަޝިޔާއާ ދުޝްމަން ވެފައިވުމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ވަނީ އުނދަނގޫ ދުވަސްތަކެއް ކުރިމަތިވެފަ އެވެ.
ޔުކްރޭންގެ ފަހަތުގައި ހުޅަނގުގެ ބޮޑެތި ބާރުތައް ތިބި ނަމަވެސް އެގައުމުގެ ސިނާއަތާއި އިގްތިސާދު ބިނާވެފައި ވަނީ ރަޝިޔާ އަށް ބަރޯސާވާ ގޮތަށް ކަމަށްވެފައި ރަޝިޔާގެ ތެލާއި ގޭހަށް ވެސް ޔުކްރޭން ބަރޯސާވާން ޖެހޭތީ ޔުކްރޭނަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ބޮޑު ފުރްސަތެއް ރަޝިޔާ އަށް އޮވެ އެވެ. ޕާލަމެންޓް އުވާލުމާ ގުޅިގެން ޔުކްރޭންގައި އަލުން ޕާލަމެންޓްރީ އިންތިޚާބު ބާއްވާނީ އަންނަ އޮކަޓޯބަރު މަހުގެ 26ގައި ކަމަށް ޚަބަރުލިބެ އެވެ. (ރޮއިޓާސް)