17 Jan 2011, 12:51
ދިވެހި ރާއްޖޭގެ އަޑުގެ ޑިޕިއުޓީ ޑިރެކްޓަރުގެ ވަޒީފާގައި ހުއްޓާ ވަޒީފާއިން ވަކިކުރި ފަހުމީ ރަޝާދު އަލުން ވަޒީފާއަށް ރުޖޫއަ ކުރާނެ ތަނެއް ނެތް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމައފި އެވެ.
ޓްރައިބިއުނަލް އިން މިއަދު ނިންމި މައްސަލައިގެ ރިޕޯޓުގައި ބުނަނީ މި މައްސަލައިގެ ލިޔެކިޔުންތަކުގެ މައްޗަށް ބަލައި ރިއާޔަތް ކުރިއިރު މާލޭ މުނިސިޕަލްޓީ ހާއްސަ ދަފުތަރު ފަހުމީ ރަޝާދު އެއްވެސް ނޯޓިހަކާ ނުލައި އެމްއެންބީސީގެ ޑިޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުން 18 އޮކްޓޫބަރު 2010ގައި ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނާ މާއްދާގެ (ށ) ގެ އެކެއްގެ ދަށުން އޭނާ އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އެކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް މައްސަލަ ރައްދުވާ އެމްއެންބިސީން ބުނެ އެކަން ސާބިތުކޮށްދީފައިވާތީ ފަހުމީ ވަކިކޮށްފައި ވަނީ ގާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ހާލަތު މެދުވެރިވެގެން ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުން އިއްތިފާގުވާ ކަމަށެވެ.
"... މައްސަލަ ހުށަހެޅި ފަހުމީ ރަޝާދުހުރި މަގާމަށް ރުޖޫއަ ކުރުމަށް މައްސަލަ ރައްދުވާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް އަންގާނޭ ޖާގައެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަ"މެވެ. ރިޕޯޓުގައި ވެއެވެ.
ރީބްރޭންޑް ކޮށް "އެމްއެންބީސީ، ރާއްޖެ ރޭޑިޔޯ" އަށް ބަދަލުކޮށްފައިވާ ކުރީގައި، ދިވެހި ރާއްޖޭގެ އަޑުގެ ފައިނޭންސް ޑިޕާޓްމަންޓްގެ ވެރިޔާ، ފަހުމީ ރަޝާދު ކުއްލި ގޮތަކަށް ގެއަށް ފޮނުވާލައި ވަޒީފާއިން ވަކިކުރީ 20 އަހަރަށް ވުރެ ގިނަ ދުވަހު އަޑުގައި ހޭދަކުރައްވައި، ސަރުކާރަށް 31 އަހަރު ހިދުމަތް ކުރައްވާފައިވަނިކޮަށް ހިޔާނާތުގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ އެވެ.