19:00


ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.


މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން މިބިލް ހުށަހަޅައިދެއްވަމުން ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، މި ބިލްގެ އިބްތިދާއީ ބަހުސްގެ މަރުހަލާތައް ސިއްރު ޖަލްސާތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވި އެވެ. އަދި އެ ހުށަހެޅުއްވުމަށް ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދު ތާއީދުކުރެއްވުން ސިއްރު ޖަލްސާތަކެއްގެ ގޮތުގައި އެބިލްގެ ބަހުސްތައް ކުރިއަށް ގެންދިއުމަށް ފެނޭތޯ ނެގި ވޯޓު ފާހެއްނުވި އެވެ. އެ ގޮތަށް ކުރިއަށް ގެންދިއުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ހާޒިރުވެ ތިއްބެވި 43 މެމްބަރުންގެ ތެރެއިން އެ ކަމަށް ތާއީދުކުރެއްވީ އެންމެ 18 މެމްބަރުންނެވެ. މި ބިލްގެ ބަހުސްތައް ސިއްރުކުރަން ނުފެންނަ ކަމަށް 20 މެމްބަރުން ވޯޓު ދެއްވުމުން ބަހުސް ކުރިއަށް ގެންދިޔައީ އާންމު ޖަލްސާތަކެކޭ އެއްފަދައިން ހުޅުވާލައިގެންނެވެ.


މިއަދުގެ ޖަލްސާގައި މި ބިލާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ބިލް މަޖިލީހަށް ބަލައިގަތުމަށް ތާއީދުކުރެއްވި އެވެ. އަދި މިފަދަ ގާނޫނެއް ފާސްކޮށްގެން ވިޔަސް، މިހާރު މުޖްތަމައުގައި އުފެދިފައިވާ ބިރުވެރިކަމާއި ނުރައްކާތެރިކަން ނައްތާލައި އަމާންކަން ގާއިމުކުރަންޖެހިފައިވާކަން ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ.


މިބިލަށް ވާހަކަ ދެއްކެވި ގިނަ މެންވަރުން ވަނީ ބިލްގައި ބަޔާންކޮށްފައިވާ ކުށްތަކަށް މި ބިލްގައި ކަނޑައަޅާފައި އަދަބުތައް މާ ލުއި ކަމުގައި ވިދާޅުވެފަ އެވެ.


މި ބިލްގައި ބުނެފައިވާ ގޮތުން ސަރުކާރުން މި ބިލް ހުށަހެޅީ، ބިރުދެއްކުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މީސްމީހުންގެ ފުރާނަ އާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭ ގޮތަށް ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ތޫނު އެއްޗިއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުން މަނާކުރުމަށާއި ބައެއް ބާވަތްތަކުގެ ތޫނު އެއްޗެހި ރާއްޖެ އަށް އެތެރެކުރުން މަނާކުރުމުގެ މަގްސަދުގަ އެވެ.


މި ބިލްގައި ބުނެފައިވާ ގޮތުން މީހެއްގެ ހަށިގަނޑަށް، މުދަލަށް، ފުރާނަ އަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރުދެއްކުމަކީ ނުވަތަ މިއިން ކަމެއްކުރަން އުޅުމަކީ ކުށެކެވެ. އަދި މި ކުށުގެ އަދަބަކީ ދެ މަސްދުވަހާއި 12 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި މި ކުށްކުރުމުގައި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފި ނަމަ އެއް މަސް ދުވަހާއި ހަ މަސްދުވަހުގެ ޖަލު ހުކުމެއް އެހުމުގެ ތެރެއަށް ވެގެންދާނެ އެވެ.