26 Aug 2014, 09:55
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލްގައި ފައިނޭންޝިއަލް ދާއިރާ އިން ބަލާ އިރު ކަންބޮޑުވުންތަކެއް ނެތް ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެސިސްޓެންޓް ގަވަރުނާ، ފައިނޭންޝިއަލް ސުޓެބިލިޓީ، ނީޒާ އިމާދު އިއްޔެ ވިދާޅުވީ އެސްއީޒެޑް ބިލް އެކުލަވާލަމުން ދިޔަ ފުރަތަމަ ސްޓޭޖުން ފެށިގެން ވެސް އިކޮނަމިކް މިނިސްޓްރީ އިން ދިޔައީ އެމްއެމްއޭއާ މައުލޫމާތު ހިއްސާކުރަމުން ކަމަށާއި އެހެންކަމުން ސަރުކާރުން ހުށައަޅާފައިވާ އެ ބިލްގައި އެމްއެމްއޭ އިން ރެގިއުލޭޓްކުރާ ފައިނޭންސް ދާއިރާ އިން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.
"މިހިސާބަށް ދިޔައި އިރު އަޅުގަނޑުމެން ބޭނުންވާ ކޮމެންޓްތައް އިންކޯޕަރޭޓްކޮށްފިޔޭ އެސްއީޒެޑް އެބިލްގައި. އަޅުގަނޑުމެންނަށް ރެގިއުލޭޓް ކުރެވޭ،" ނީޒާ ވިދާޅުވި އެވެ.
ނީޒާ ވިދާޅުވީ އެސްއީޒެޑް ބިލްގެ ސަބަބުން އެޒޯންތައް ތަރައްގީ ކުރަން އަންނަ ހުރިހާ ފައިނޭންޝިއަލް އިނިސްޓިއުޝަންއެއް ރެގިއުލޭޓްކޮށް އެކަންކަމާ ބެހޭ ގަވައިދުތައް ހަދަނީ އެމްއެމްއޭ އިން ކަމަށާއި އެކަން ކުރުމަށް އެމްއެމްއޭ އިން ހަރުދަނާ ފުރޭމް ވޯކެއް ހަދާނެ ކަމަށެވެ.
ނީޒާ އިތުރަށް ވިދާޅުވީ އެސްއީޒެޑް ބިލުން މަނީ ލޯންޑްރީން އާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމަށް ހަދާފައިވާ ގާނޫނާ ހިލާފުކަމެއް ކުރުމުގެ ފުރުސަތު ލިބިގެން ނުދާ ކަމަށެވެ.
"އެހެންގަމުން މަނީލޯންޑްރިން ނުވަތަ ޓެރެރިޒަމް ފައިނޭންސިން ކަމެއް ހިނގާ ނަމަ އަޅުގަނޑުމެންގެ އުސޫލްތަކުގެ މަތިން އެކަން ބެލޭނެ، އެ ފުރުސަތު އަޅުގަނޑުމެންނަށް އެބައޮތް." ނީޒާ ވިދާޅުވި އެވެ.
ނީޒާ ވިދާޅުވީ އެސްއީޒެޑް ބިލްގެ ރާއްޖެ އަންނަ އިންވެސްޓަރަކު "ގޯސްކޮށް" ކަމެއް ހިންގާ ނަމަ އެކަމެއް ހުއްޓުވުމުގެ ބާރު އެ ބިލުން އިކޮނޮމިކް މިނިސްޓްރީ އަށް ލިބިގެންވާ ކަމަށެވެ.
އެސްއީޒެޑް ބިލަކީ ގައުމަށް ތަރައްގީ ގެންނާނެ ބިލެއް ކަމަށް ސަރުކާރުން ބުނާ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އެއީ "ގައުމު ވިއްކުން" ކަމަށެވެ.
ރޭ އިރާކޮޅު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ އެސްއީޒެޑްގެ ބިލަކީ ރައްޔިތުންނާ ހުރިހާ ގޮތަކުން ގުޅޭ، މުހިންމު ބިލެއް ކަމަށެވެ. އަދި މަޖިލީހުގެ މި ދައުރުގެ ޗުއްޓީ އަށް ދިއުމުގެ ކުރިން އެ ބިލާ ދޭތެރޭ ގޮތެއް ނިންމައި ދިނުމަށް ރައީސް އެދިވަޑައިގަތެވެ.
އެސްއީޒެޑް ބިލް މިހާރު ވަނީ ކޮމެޓީ އިން ފާސްކޮށް ތަޅުމަށް ފޮނުވައިފަ އެވެ.