26 Aug 2014, 03:02
ކޮންމެ ޑޮލަރެއްގެ ފަހަތުގައި ސިފައިންގެ މީހަކު ނުބެހެއްޓި ނަމަވެސް، މި ސަރުކާރުގެ މަސައްކަތުން މިއަދު ޑޮލަރުގެ އަގު 15.42 ރުފިޔާގައި ހިފެހެއްޓިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަންނުވެރިން ގޮތްޕަށް އައު ފަންނާނުން ސޮއިކުރުމަށް މިރޭ އިރާކޮޅު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ކުރިމަތިވެގެން އައިއިރު ރާއްޖެގެ އިގްތިސާދު އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރަށް ކޮންޓްރޯލް ނުކުރެވުނު އެމެރިކާ ޑޮލަރުގެ އަގު މިހާރު 15.42 ރުފިޔާގައި ހިފެހެއްޓިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ބާޒާރުގައި ކޮންމެ ޑޮލަރެއްގެ ފަހަތުން ސިފައިންގެ މީހަކު ބެހެއްޓި. އަޅުނގަޑެއް ނުބަަހައްޓަން ސިފައިންގެ މީހަކު ޑޮލަރު ފަހަތުގައެއް. އެކަމަކު އޭރު އަގު ކޮންޓްރޯލް ނުކުރެވުނު ޑޮލަރު، މާތް ﷲ ގެ ރަހުމަތާއެކީ އެހެރީ 15.42 ގައި ހަރުލާފަ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވާ ބާރު މިނުގައި ހުރިހާ މަސައްކަތްތަކެއް ނުކުރެވުނު ނަމަވެސް، މި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް ރިޔާސީ ދައުރަށް ކުރިމަތިލައްވާނީ ރައްޔިތުން ހިތްހަމަޖެހޭ މިންވަރަށް މަސައްކަތް ކުރެއްވިއްޖެ ކަމަށް އަމިއްލަފުޅަށް ގަބޫލުފުޅު ކުރެއްވޭ ނަމަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އަޅުނގަޑު ހިތްހަމަޖެހޭ ވަރަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވިއްޖެ ކަމަށްވަންޏާ، ދެން 2018 ނުވަތަ އެހެން ދުރު ވިސްނުމަކަށް ދާން ވިސްނާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އިތުރުވަމުންދާ މާރާމާރީތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ. އަދި ކޮންމެ ކަމެއްގެ ހައްލަކީ މަގުތަކަށް ނުކުމެ މުޒާހަރާކުރުން ނޫންކަން ގަބޫލުކުރާ ދިވެހިން އިތުރުވަމުން އަންނަ ކަންވެސް ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.
ޕީޕީއެމްގެ ފަންނުވެރިން ގޮފިން ބޭއްވި މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ފަންނާނުން ވަނީ އެ ގޮތްޕާ ގުޅިފައެވެ.